އެންމެ ފަހުގެ އަދަދަށް ވުރެން ތިން ގުނަ ބޮޑުކޮށް އެމްއޭސީއެލްއިން ބޯނަސް ދޭން ނިންމައިފި

ވީއައިއޭގެ އާ ރަންވޭ އަށް ޓެސްޓް ފްލައިޓު ޖެއްސި އިރު އެއާޕޯޓްގެ ބައެއް މުވައްޒަފުން ފަހަތުގައި: ދެ އަހަރު ފަހުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދިނުމަށް ވަނީ ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެންމެ ފަހުން މުވައްޒަފުންނަށް ދިން ބޯނަހުގެ ތިން ގުނަ މަތިކޮށް މި އަހަރުގެ ބޯނަސް ދިނުމަށް ނިންމައިފިއެވެ.

އެންމެ ފަހުން އެމްއޭސީއެލުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދީފައިވަނީ މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ.

އެ ފަހަރު ބޯނަސްގެ ގޮތުގައި އެމްއޭސީއެލުން މުވައްޒަފުންނަށް ދީފައިވަނީ 7،879.79 ރުފިޔާއެވެ. އޭގެ ދެ އަހަރު ފަހުން މި އަހަރު އެމްއޭސީއެލްގެ މުވައްޒަފުންނަށް އެ އަދަދުގެ ތިން ގުނަ ބޮޑުކޮށް ބޯނަސް ދިނުމަށް ވަނީ ނިންމައިފައެވެ.

އެގޮތުން އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވަނީ 2021 ވަނަ އަހަރު އެއްކޮށް މަސައްކަތްކޮށްފައިވާ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 25,000 ރުފިޔާ ދިނުމަށެވެ.

މިދިޔަ އަހަރު ހަ މަސް ދުވަސް (180 ދުވަސް) ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި އެ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފުންނަށް ބޯނަސް ފައިސާ ދިނުމަށް ނިންމާފައިވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުންނެވެ.

ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަސް ނުދޭން އެމްއޭސީއެލްގެ ބޯޑުން ވަނީ ނިންމާފައެވެ.

ބޯނަސް ފައިސާ މި ހަފްތާގެ ތެރޭގައި ދިނުމަށް ނިންމާފައިވާއިރު އެންމެ ލަސްވެގެން ބުރާސްފަތި ދުވަހުގެ ކުރިން މުވައްޒަފުންގެ އެކައުންޓްތަކަށް ބޯނަސްގެ ފައިސާ ޖަމާކުރާނެ ކަމަށް އެމްއޭސީއެލްއިން މިއަދު ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން އެ ކުންފުނީގެ މުވައްޒަފުންނަށް ދެމުން ދިޔަ ބޯނަސް މެދު ކެނޑުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ލިބުނު ގެއްލުމާ ހެދިއެވެ. ނަމަވެސް އެ ހާލަތުގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އިރު ވެސް މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް ހުރިހާ މުވައްޒަފުންނަށް މުސާރަ ދީފައިވާނެ ކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް