ނަޝީދުގެ ޕްރެސް: ގިނަ ސުވާލުތަކަށް ދެއްވާނެ ޖަވާބެއް ނެތް

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ ނާއިލް ހުސައިން

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވައިފިއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާއިތުވި ދުވަސްތަކުގައި ސިޔާސީ މަޝްރަހުގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން ނޫސްވެރިން ވަނީ ޖަވާބު ނުލިބި ހުރި ގިނަ ސުވާލުތަކެއް ނަޝީދަށް އަމާޒުކޮށްފައެވެ.

އެގޮތުން މިދިޔަ މަހުގެ 29ވަނަ ދުވަހު އެމްޑީޕީގެ ވަޓްސްއަޕް ގުރޫޕުގައި ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ހިލޭ އަންހެނަކާއެކު އުޅުއްވާ ފޮޓޯތަކެއް ހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އޭގެ ހެއްކެއްގެ ގޮތުގައި ހަތަރު ގަނޑު ފޮޓޯ ލިބިފައިވާކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެކަމަކީ ކިހާ ވަރެއްގެ ހަގީގަތެއްތޯ ސުވާލުކުރުމުން ނަޝީދު ވަނީ އެ ސުވާލަކީ ތަރަހައިން ބޭރު ސުވާލެއް ކަމަށް ވިދާޅުވެފައެވެ. އަދި މީގެ ކުރިން ވަޓްސްއަޕް ގުރޫޕުގައި ހަތަރު ގަނޑު ފޮޓޯއާ ގުޅިގެން ދެއްކި ވާހަކަތަކުގެ ރާގު ވެސް ވަނީ ބަދަލުވެފައެވެ.

"ފޮޓޯ ހުންނާނެ ބައިވަރު، އަޅުގަނޑާ ރައީސް ޞާލިޙު އަކީ އެއްކޮށް އުޅެ ބޮޑުވި މީހުން. އެއްކޮށް ވެސް އަދި ވަކިން ވެސް ފޮޓޯ ހުންނާނެ. އަލްބަމް ބަލާލީމަ އިނގޭނީ ފޮޓޯ ހުންނަ ވަރު،" އެމްޑީޕީ ވަޓްސްއަޕް ގުރޫޕުގައި ނަޝީދު ރައީސް ޞާލިހަށް ކުރެއްވި ތުހުމަތާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވަނީ އެމްޑީޕީ ވަޓްސްއަޕް ގުރޫޕުގައި އެމަނިކުފާނު ރައީސް ޞާލިޙުއަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން މީޑިއާތަކުން އެ ވާހަކަ ރިޕޯޓު ކޮށްފައިވަނީ ގޯސްކޮށް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެވާހަކަ މީޑިއާ ތަކުން ރިޕޯޓުކުރުމުގައި ގޯސްވި ގޮތް ނަޝީދު ވިދާޅެއްނުވެއެވެ.

ދާދި ފަހުން އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ނަޝީދުގެ ފޯނު ފޭރިގަތުމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަކަށް ވެސް ނަޝީދު ޖަވާބު ދެއްވާފައެއް ނުވެއެވެ.

ހަމައެއާއެކު، ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ ދެކޮޅަށް ހުންނެވުމަށް ފަހު މިހާރު އެކަމާ ހިތާމަކުރައްވާ ވާހަކަ ވިދާޅުވެ އަދި އެގޮތަށް ކަންތައް ކުރެއްވުނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ސަބަބުން ކަމަށް ވީދާޅުވީ ސިޔާސީ މަންފާއަކަށް ތޯ ސުވާލުކުރުމުންވެސް ނަޝީދު ވަނީ އެ ސުވާލުތަކަށް ޖަވާބު ނުދެއްވައި ދޫކޮށްލައްވާފައެވެ.

މަރުގެ އަދަބު ތަންފީޒު ކުރުން ހިމެނޭހެން ނޫސްވެރިން ކުރި އިތުރު ސުވާލުތަކަށް ވެސް ޖަވާބު ދެއްވަން ނަޝީދު ދެކޮޅުހައްދަވާފައިވާއިރު، އެ ހުރިހާ ސުވާލަކަށް ވެސް ޖަވާބު ނުދެއްވާ ދޫކޮށްލެއްވީ އެ ސުވާލުތައް މިއަދު ބޭއްވި ޕްރެސްގެ އޮނިގަނޑުން ބޭރުކަމަށް ވިދާޅުވުމަށްފަހުއެވެ.

މިއަދު ބޭއްވި ޕްރެސްގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވާ ނަޝީދު ދޫކޮށްލެއްވީ އެތައް ބަޔަކު ޖަވާބު ނުލިބޭ ގިނަ ސުވާލުތަކަކަށް އިންތިޒާރުކުރަމުން ދިޔަ ވަގުތެއްގައެވެ.

comment ކޮމެންޓް