ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލީހަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަދި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ނިންމައިފިއެވެ.
ކުރިން އޮތީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޒިޔަތުގެ ހެކިބަސް ނަގާ ގޮތަށް ހަމަޖައްސާފައެވެ. އަދި ހެކިބަސް ދެއްވުމަށް އޭނާ ކޯޓަށް ވެސް ވަޑައިގަތެވެ.
ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ޒިޔަތު ހާޒިރު ކުރުމުގެ ކުރިން އެ މައްސަލައިގައި ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ފަރާތުން ވަނީ އިއުތިރާޒީ ނުކުތާއެއް ނަންގަވާފައެވެ.
ޔޫސުފް ނައީމްގެ ފަރާތުން އެދުނީ އަދީބާއި ޒިޔަތުގެ ހެކިބަސް ވަކި ވަކިން އެއް ދުވަހެއްގައި ނަގައި ދިނުމަށެވެ. އަދި ލައިވް ކޮށްގެން ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލީހެއް ކަމަށްވުމުން ހެކިބަސް ދެއްވަމުން އެކަކު ދައްކާ ވާހަކަ އަނެކެކަށް އަޑު ނީވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވެސް އެދުނެވެ.
"މި ދެ ބޭފުޅުންގެ ހެކިބަސް ދެ ތާރީހެއްގައި ނެގިއްޖެ ކަމުގައިވަނީ ނަމަ ފުރުސަތު ހުޅުވިގެންދޭ އެއް ހެކިވެރިއެއްގެ ފަރާތުން އަނެއް ހެކިވެރިޔާ ބުނާ ބަހަކަށް ބަލައި އެ ހެކިވެރިއެއްގެ ހެކިބަސް ވަކި ގޮތަކަށް ފަރުމާ ކުރުމަށް," ޔޫސުފް ނައީމްގެ ވަކީލް ވިދާޅުވިއެވެ.
އެކަން އެގޮތަށް ހިނގަނީ ރާއްޖޭގައި އެކަނި ނޫންކަން ފާހަގަކޮށް ދިފާއީ ވަކީލް ވިދާޅުވީ އެހެން ގައުމިތަކުގައި އެކަން ހުއްޓުވުމަށް ގާނޫނީ އުސޫލުތައް ކަނޑައަޅާފައި ހުންނަ ކަމަށެވެ.
ޔޫސުފް ނައީމްގެ ފަރާތުން ނެންގެވި އިޖުރާއީ ނުކުތާއަށް, މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުން ވެސް ވަނީ ތާއިދު ކުރައްވާފައެވެ.
އެއް ދުވަހެއްގައި އެ ދެ ބޭފުޅުންގެ ހެކިބަސް ނެންގެވުމަށް ދައުލަތުން ވެސް އިއުތިރާޒެއް ނުކުރައްވައެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ, އެ ދެ ބޭފުޅުންގެ ހެކިބަސް ވަކިން ނެގުމަށް ހަމަޖެހިފައިވާކަން މީގެ ކުރިން ވެސް އިނގޭނެ ކަމަށާއި އެހެން ކަމުން އެގޮތަށް ބަލައިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސްތައް ނަގާނެ ދުވަސްތަކާއި ގަޑިތައް ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އެ އިންތިޒާމްތަކަށް ބަދަލު ގެނެސްގެން ވެސް ދެ ހެކިވެރިން އެއް ދުވަހެއްގައި ގެނެއުމަށް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ކުރިއަލާ ދެ ފަރާތަށް ވެސް ހިއްސާ ކޮށްފައިވާނެކަން ފާހަގަކޮށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, ޝަރީއަތް ކެންސަލް ކުރުމަކީ އެ ދުވަހެއްގެ ހުރިހާ އަޑުއެހުންތަކަކަށް ވެސް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
"ވަކި ދުވަހަކު ވަކި ހެއްކެއް ނެގުމަކުން ޝަރީއަތުގައި އެ ހެކިވެރިޔާ ދޭ ހެކި ބަހަކަށް ވަޒަން ކުރުމުގައި ބުރަދަން ދިނުމުގައި ޝަރީއަތަށް އޭގައި އަސަރުތަކެއް ފޯރަފާނެ ކަމަކަށް ޝަރީއަތުން ނުދެކެން," އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ.
ޒިޔާތުގެ ހެކިބަސް މިއަދު ނަގާނެ ކަހަލަ ގޮތަކަށް އިސް ގާޒީ ވާހަކަ ދެއްކެވި ނަމަވެސް އެ ރާގު ބަދަލުވެ ދެ ބޭފުޅުންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް ނިންމެވީ ރައީސް ޔާމީންގެ ދިފާއީ ވަކީލް އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލްގެ ވާހަކައަށް ފަހުގައެވެ.
ތާވަލުކޮށްފައި ހުންނަ އަޑުއެހުންތައް ކޯޓުން ކެންސަލްކޮށް ނުވަތަ ބަދަލު ގެނައުމުން ދިފާއީ ވަކީލުންގެ މަސައްކަތްތައް ވެސް ރާވާލައިގެން ކުރިއަށް ގެންދާކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ އެންމެ ބޮޑަށް ބަލަން ޖެހޭނީ މުއްތަހަމްގެ ހައްގަށް ކަމަށެވެ. އަދި ތަހުޒީބް މުޖުތަމައުތަކާ ފޮތްތަކުގައި އެކަން އޮތް ގޮތަށް ޖަމީލް ކިޔައިދެއްވިއެވެ.
"މުއްތަހަމްގެ ހައްގަށް ކިރިޔާ ވެސް އުނިކަމެއް އަންނަ ކަމެއްވާ ކަމުގައި ވަނީ ނަމަ އެކަމުން އެއްކިބާވުން," ޖަމީލް ވިދާޅުވިއެވެ.
ޖަމީލްގެ ވާހަކަތަކަށް ފަހު އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ, ޝަރީއަތުން އަބަދުވެސް ދައުވާ ލިބޭ ފަރާތްތަކުގެ ހައްގަށް އުނިކަން ނާންނާނެ ގޮތަކަށް މައްސަލަ ކުރިއަށް ގެންދަން އިސްކަން ދޭ ކަމަށެވެ.
އެއަށްފަހު ދައުލަތުގެ ހުށަހަޅަންހުރި ހެކިވެރިން ހާޒިރުކުރަން ހުރި ދުވަސްތައް ބެއްލެވުމަށްފަހު އަދީބާއި ޒިޔަތު އެއް ދުވަހެއްގައި ހާޒިރު ކުރިނަމަވެސް ދެން ހުރި ހެކިވެރިންގެ ހެކިބަސް ނެގުމަށް ހުރަހެއް ނެތްކަން ޔަގީން ކުރެއްވިއެވެ. އަދި ނިންމެވީ މި މަހުގެ 30 ވަނަ ދުވަހަށް އެ ދެ ބޭފުޅުން ހާޒިރުކޮށްގެން ހެކިބަސް ނެގުމަށެވެ.
އަދީބާއި ޒިޔާތުގެ ހެކިބަސް ނެގުމުގެ ކުރިން މި މަހުގެ 18 ވަނަ ދުވަހާއި 23 ވަނަ ދުވަހު އެމްބަސީ މެދުވެރިކޮށް އިތުރު ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށް ނިންމާފައިވާކަމަށް ގާޒީ އިއުލާން ކުރެއްވިއެވެ.