ފީވަކުގެ ތަރައްގީއަށް ވީ ވައުދު ފުއްދާތީ ރައްޔިތުންގެ ޝުކުރު ރައީސަށް

ރައީސުލްޖުމްހޫރިއްޔާ. ފީވަކު ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ށ. ފީވަކުގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ ކަމާއި, އޭގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާކަން ފާހަގަކުރައްވައި އެރަށު ކައުންސިލުން އެމަނިކުފާނަށް ޝުކުރު ދަންނަވައިފިއެވެ.

ފީވަކު ކައުންސިލުން ރައީސަށް ޝުކުރު ދެންނެވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ފީވަކުގެ ތަރައްގީއަށް ވައުދެއް ވެވަޑައިގެންނެވި ހަމައެކަނި ވެރިއަކީ، ރައީސް ޞާލިހް ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި މީގެ ތެރެއިން ބައެއް މަޝްރޫއުތައް ނިމިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ, ފީވަކު ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ، އުމުރާނީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި އަދި، އިޖުތިމާއީ ގޮތުން ވެސް އެ ރަށް ތަރައްގީވާން ފަށާފައި ވަނީ މިސަރުކާރުގެ މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައިކަން ފާހަގަކުރައްވައި، ރައީސް އަށާއި، ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހުގައި، ފީވަކުގެ ތަރައްގީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުސަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަން ކައުންސިލް މެމްބަރުން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ފީވަކު ކައުންސިލުން ވަނީ، މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަން ވެސް ރައީސަށް ދަންނަވާފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ, ފީވަކު ކައުންސިލާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތާއި، ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައި ބައްލަވައިދެއްވާނެކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ސަރުކާރުން ފީވަކުގައި ކުރިޔަށް ގެންދާ ކަންކަން ފީވަކުގެ ރައްޔިތުން ބަލައިގެންފައިވުމުން، އެކަން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

comment ކޮމެންޓް