ސްރީލަންކަން އިން ގަމަށް ކުރާ ދަތުރުތައް އިތުރުކުރަނީ

ސްރީލަންކަންގެ ފްލައިޓެއް ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ---

ސްރީލަންކަން އެއާލައިނުން އައްޑޫގެ ގަމަށް ކުރަމުން އަންނަ ދަތުރުތައް އަންނަ އޮކްޓޫބަރު މަހުން ފެށިގެން އިތުރުކުރަން ނިންމައިފިއެވެ.

އެ އެއާލައިނުގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު "ސަން"އަށް ވިދާޅުވީ މިހާރު އެ އެއާލައިނުން ހަފްތާއަކު ގަމަށް ކުރަމުން އަންނަނީ ދެ ދަތުރުކަމަށެވެ. އަންނަ އޮކްޓޫބަރު މަހުން ފެށިގެން ހަފްތާއަކު އިތުރު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަން އިން މިހާރު ގަމަށް ދަތުރުކުރަމުން އަންނަނީ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކުއެވެ. ދަތުރުތައް އިތުރުކުރުމާއެކު، ކޮންމެ ބުރާސްފަތި ދުވަހަކު ވެސް ދަތުރެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އެކަށީގެންވާ ތަރުހީބެއް އެބަލިބޭ. ސްރީލަންކަން މެދުވެރިކޮށް އަޅުގަނޑުމެންނަށް މާކެޓު ކުރުމުގެ ފުރުސަތުވެސް އެބަ ލިބޭ," ފިރާގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްރީލަންކަން މެދުވެރިކޮށް، ދެކުނު ކޮރެއާ މާކެޓަށް އަމާޒުކޮށްގެން ހާއްސަކޮށް މާކެޓިން ހަރަކާތްތަކެއް ކުރިއަށްދާ ކަމަށެވެ.

ސްރީލަންކަން އިން ގަމަށް ކުރަމުން ދިޔަ ދަތުރުތައް ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތުމަށް ފަހު، އަލުން ފެށީ މި އަހަރުގެ ތެރޭގައެވެ. އަދި، މިހާރު މަންތާ އެއާ އިން ވަނީ އެ ދަތުރުތަކަށް ހުވަދޫއިން ކަނެކްޝަން ދީފައެވެ.

comment ކޮމެންޓް