ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑުތަކުން ގިނަ ބަޔަކު ވަކިކޮށްފި

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނެސްފި -- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލު ގެނެސްފިއެވެ.

ޕްރައިވެޓައިސޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން ބަދަލު ގެނައި ކުންފުނިތައް:

  • ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް(އެޗްޑީއެފްސީ)
  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް
  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް(ބީސީސީ)
  • ޕޮލިސް ވެލްފެއާ ކޯޕަރޭޝަން
  • އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
  • ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

އެޗްޑީއެފްސީގެ ބޯޑުން ދެ މެމްބަރަކު ވަނީ ވަކިކޮށްފައެވެ. އެއީ މ. ހަނިފަރު މުޙައްމަދު ރަޝީދާއި، ޅ. ނައިފަރު އަލިހިޔާގެ، ހާމިދު ޞާދިގެވެ. އެ ބޯޑަށް އަލަށް އައްޔަންކުރި މެމްބަރަކީ ސ. ހުޅުދޫ، ޖަމްނާ، ޒިދުނާ އިބްރާހިމެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޗެއާޕާސަން ކަމުން ބ.މާޅޮސް، މިޔަލަނީގެ، މުޙައްމަދު އަބްދުﷲ ވަކިކުރިއިރު ތ. ކިނބިދޫ، ކަންމަތިގެ މުޙައްމަދު ނާޝިދުވަނީ މެމްބަރުކަމުން ވަކިކޮށްފައެވެ. އަދި ހ. ވައިފިލާގެ ހައްވާ ސަފްނާ ވަނީ އަލަށް އެ ކުންފުނީގެ ބޯޑު މެމްބަރުކަމަށް އައްޔަންކޮށްފައެވެ.

އަދި އައްޑޫ އިންޓަނޭޝަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ތިން މެމްބަރުންކަމަށްވާ ސ.ފޭދޫ ނޫކޮކާގެ ޝާތިފް އަލީއާއި، ސ. ފޭދޫ މޫންލައިޓް ޝަޒުރާ ޒާކިރާއި، މާލޭ ދަފްތަރު ނަންބަރު 4286 ހުސައިން މުޙައްމަދު ދީދީ ވެސް ވަނީ ވަކިކޮށްފައެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)ގެ ދެ މެމްބަރުންގެ އިތުރުން، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެމްބަރަކާއި ފެނަކަ ބޯޑުގެ ޗެއާޕާސަން އަހުމަދު ޝަހީރު، ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި އެ ކުންފުނީގެ އެގްޒެކްޓިވް މެމްބަރާއި އިތުރު މެމްބަރަކު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

ހަމައެއާއެކު، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޗެއާޕާސަން ޝުހާދު އިބްރާހިމް (ދަފްތަރު ނަމްބަރު ރސ 3555 މާލެ) މަގާމުން ވަކިކޮށް، ޕޮލިސް ވެލްފެއާ ކޯޕަރޭޝަން އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއިން ވެސް މެމްބަަރަކު ވަނީ މަގާމުން ވަކިކޮށްފައެވެ.

އާ ސަރުކާރު ހަވާލުވުމަށްފަހު ކުންފުނިތަކުގެ އެމްޑީންނާއި ޑީއެމްޑީގެ އިތުރުން ކުންފުނިތަކުގެ ބޯޑުތަކަށް ވެސް އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ.

comment ކޮމެންޓް