ރަދީފުގެ އެޕްލިކޭޝަން އައިޕެޑަށާއި ޓެބްލެޓަށް ވެސް ތައާރަފް ކޮށްފި

ދިވެހިބަހުގެ ރަދީފް ---

ދިވެހިބަހުގެ ރަދީފު ވީހާވެސް ގިނަ ބަޔަކު ފަސޭހަ ކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި ރަދީފުގެ އެޕްލިކޭޝަން އައިޕެޑަށާއި ޓެބްލެޓަށް ވެސް ތައާރަފް ކޮށްފިއެވެ.

ދިވެހިބަހުގެ ރަސްމީ ރަދީފެއްގެ ގޮތުގައި މިހާރު ދިވެހިބަހުގެ އެކަޑަމީން ތަޢާރަފުކޮށްފައިވާ ރަސްމީ އެޕްލިކޭޝަން ތައްޔާރުކޮށްފައި ވަނީ އެންޑްރޮއިޑް ފޯނަށާއި އައިއޯއެސް ފޯނަށެވެ. އެއީ މި އަހަރުގެ މެއި މަހުގެ ދިހަ ވަނަ ދުވަހުއެވެ. ގޫގުލް ޕްލޭ ސްޓޯރާއި އެޕަލް ސްޓޯރުން ދިވެހިބަހުގެ ރަސްމީ ރަދީފުގެ އެޕްލިކޭޝަން އެ ފޯނުތަކަށް ޑައުންލޯޑުކުރެވެން ހުންނާނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅު ކުރުމުގެ ރަސްމިއްޔާތު ގައި ވަނީ ދިވެހިބަހުގެ ރަދީފް އެޕް އައިޕެޑަށާއި ޓެބްލެޓަށް ވެސް ތައާރަފްކޮށްފައެވެ.

އެކަމާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް "ސަން"އަށް ވިދާޅުވީ ރަދީފް އެޕް ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން އައިޕެޑަށާއި ޓެބުލެޓަށް އެ އެޕް ތައާރަފް ކުރީ ދިވެހިބަހުގެ ރަދީފު ބޭނުންކުރާ މީހުންނަށް ވީހާވެސް ފަސޭހައިން އެކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އަދި އިސްކޫލުތަކުގެ ވަރަށް ގިނަ ދަރިވަރުންނަކީ ޓެބް ބޭނުންކުރާ ދަރިވަރުންނަށް ވީތީ، އެ ކުދީންގެ ޓެބުތަކުގައި ދިވެހިބަހުގެ ރަދީފު ލިބެން ހުރުމަކީ ލާޒިމުކަމެއް ކަމުގައި ދެކޭތީއެވެ. އަދި ދިވެހިބަހުގެ ރަދީފު ދަރިވަރުން ބޭނުންކުރާ މިންވަރު އިތުރުކޮށް އެ ކުދީންނަށް ފަސޭހަކޮށްދިނުމުގެ ނިޔަތުގައެވެ.

"އެޕް ބޭނުންކުރާ މިންވަރު ވަނީ އިތުރުވެފަ، މިހާރު ސުކޫލުތަކުގެ ގިނަ ދަރިވަރުންނަށް ސަރުކާރުން ވަނީ ޓެބްލެޓުތަކެއް ހަވާލުކޮށްފަ. ބަހުގެ ރަދީފް އެއިން ބަލައިލެވޭ ގޮތް ހެދީމަ އެކުދިންނަށް ވެސް ވާ ފަސޭހައަކަށް އަދި އިތުރު އެހީއަކަށްވެސް ވާނެ،" ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ ރަދީފު އެޕްލިކޭޝަން --- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ

ދިވެހި ބަހުގެ ރަދީފް އެޕް މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕްލޭ ސްޓޯރުން ޖުމުލަ 4،325 މީހުން ޑައުންލޯޑުކޮށްފައިވާއިރު އެޕް ސްޓޯރުން ޖުމުލަ 3،555 މީހުން ވަނީ އެޕް ޑައުންލޯޑު ކޮށްފައެވެ.

ރަދީފް އެޕް ފަރުމާ ކޮށްފައިވަނީ ދިވެހި ވަންތަ އަދި އެ އެޕްގެ ޒަރިއްޔާއިން އެޕް ބޭނުންކުރާ ފަރާތްތަކަށް އިތުރު މައުލޫމާތާއި އެހީތެރިކަން ވެސް ލިބޭނެ ފަދަ ގޮތަކަށެވެ.

އެގޮތުން މިހާރު ރަދީފު އެޕް ހުޅުވާލުމުން ކޮންމެ ދުވަހަކު ވެސް ދުވަހުގެ ލަފުޒުގެ ގޮތުގައި ލަފުޒަކާއި އޭގެ މާނަ އަދި ދުވަހުގެ އަދަބީ ބަހުގެ ގޮތުގައި އަދަބީ ބަހަކާއި އޭގެ މާނަ ވެސް އެޕުން ފެންނާނެއެވެ.

ހަމައެއާއެކު، ދުވަހުގެ ދިވެހި - އިނގިރޭސި ލަފުޒުގެ ގޮތުގައި ވެސް ލަފުޒަކާއި އޭގެ މާނަ ރަދީފު އެޕުން ފެންނާނެއެވެ.

މި ދެންނެވި ބައިތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެންމެ ގިނަ މީހުން ހޯދާފައިވަނީ ދުވަހުގެ ދިވެހި - އިނގިރޭސި ލަފުޒެވެ.

ރަދީފް އެޕުގައި ޖުމުލަ 36،849 ލަފުޒާއި މާނައިގެ ގޮތުގައި 53،929 މާނަ ހިމެނެއެވެ.

އެންމެ ގިނަ މީހުން ރަދީފުން މިހާތަނަށް ހޯދާފައިވާ ލަފުޒުގެ ގޮތުގައި ފާހަގަކޮށްލެވެނީ "މަންތެލާ" ކިޔާ ލަފުޒެކެވެ. އޭގެ މާނައަކީ ފަރެވެ. އަދި އެންމެ ގިނަ މީހުން ހޯދާފައިވާ އަދަބީބަހުގެ ގޮތުގައި ފާހަގަކޮށްލެވެނީ "އުލު އިންދައިފައި އިރަށް ދޮން ކުރުން"އެވެ.

މިފަދަ ބޭނުންތެރި ފީޗާތަކެއް ހިމަނައިގެން ފަރުމާ ކޮށްފައިވާ ދިވެހިބަހުގެ ރަދީފް އެޕް އިތުރަށް މުއްސަނދިކޮށް ހުރިހާ އެންމެންގެ ވެސް ބައިވެރިވުން ލިބޭނޭ ގޮތަކަށް އެޕްގައި ހިމެނޭ ގޮތް ހެދުމަކީ އެކެޑެމީގެ އަމާޒެއް ކަމުގައި އެކެޑެމީގެ ރައީސް، ޑރ. އަޝްރަފް ވިދާޅުވިއެވެ.

އެގޮތުން މިހާރު ވެސް ބަހުގެ ރަދީފުގައި ހިމެނިފައި ނެތް އާއްމު ލަފުޒު ހުށަހެޅުމުގެ ފުރުސަތު އެޕް ބޭނުންކުރާ ކޮންމެ ފަރާތަކަށް ވެސް އެޕް މެދުވެރިކޮށްވަނީ މަގުފަހުކޮށްދީފަވެ.

"މިހާރު އެޕްގެ ފީޗާސްތައް މި ބަލަނީ އެންމެ ބޭނުންތެރި ގޮތުގައި އިތުރުކުރެވޭތޯ. ރަނގަޅު އިމްޕެކްޓެއް އަންނަ ގޮތަށް. މިސާލަކަށް ހުރެދާނެ ލަފުޒުތަކެއް ރަދީފުގައި ހިމެނިފައި ނެތް، އެހެންނަމަވެސް ހިމަނަންޖެހޭ ލަފުޒުތަކެއް. އެހެންވީމަ މިހާރު އެޕް މެދުވެރިކޮށް އެ ފުރުސަތު ވެސް އަޅުގަނޑުމެން އޮންނާނީ ހުޅުވާލާފައި." ޑރ. އަޝްރަފް ވިދާޅުވިއެވެ.

އާއްމު ފަރާތެއް ހުށަހެޅި ލަފުޒެއް ފާސްކޮށް ރަދީފުގައި ހިމަނާފައި --- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ

ރަދީފުގައި ހިމެނިފައި ނެތް އާއްމު ލަފުޒުތަކުގެ ތެރެއިން މިހާތަނަށް ޖުމުލަ 295 ފަރާތަކުން ވަނީ ލަފުޒުތައް ހުށަހަޅާފައެވެ. ޑރ. އަޝްރަފް ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ވަރަށް ރަނގަޅު އަދި މާ ބޮޑު ބަދަލުތަކެއް ނުގެނެސް، އިތުރު ވިސްނުމަކަށް ނުގޮސް ފާސްކުރެވޭ ކަހަލަ ލަފުޒުތައް ވެސް ހިމެނެއެވެ.

ހަމައެގޮތަށް މަޖާކޮށްލުމުގެ ގޮތުން އަދި ޖެއްސުމުގެ ގޮތުން ލަފުޒުތައް ހުށަހަޅާ ފަރާތްތައްވެސް ހިމެނޭ ކަމަށާއި އެ ހުރިހާ ކަމަކަށް ވެސް އެކެޑެމީން މަރުޙަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެނަސް ވީހާވެސް ރަނގަޅު ގޮތުގައި އެޕުގެ މި ފީޗާ ބޭނުންކުރުމަށް އެދިވަޑައިގަތެވެ.

ޑރ. އަޝްރަފް ވިދާޅުވީ މިހާރުވެސް އެކެޑަމީން ކުރަންޖެހޭ އެތައް ކަމެއް އެބަ ހުރިކަމަށެވެ. އެގޮތުން އެޕް މެދުވެރިކޮށް ލަފުޒު ހުށަހަޅާ ފަރާތްތަކަށް އެމީހުން ހުށަހަޅާ ލަފުޒު ހުށަހެޅުމަށްފަހު، އެ ލަފުޒަށް ފަހުން ވާ ގޮތެއް އެޕް މެދުވެރިކޮށް އެންގެން މިހާރު ނުހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެޕް އިތުރަށް ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި މީހުން ލަފުޒު ހުށަހެޅުމުން އެކަން ފާހަގަކޮށް މެސެޖެއް އެ ލަފުޒު ހުށަހެޅި ފަރާތަކަށް ދާނެ ފީޗާއެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

"ލަފުޒު ފޮނުވާ ފަރާތަށް އެނގުން މުހިއްމު އެއަށް ފަހުން ވާގޮތެއް. އެ ލަފުޒު ފާސްވިތޯ އަދި ނުވޭތޯ، އެޕްގެ ތެރެއިން ލަފުޒު ހުށަހަޅާ ފަރާތަކަށް އެނގެންވާނެ، އަޅުގަނޑުމެން އެކަން އެބަކުރަން. އެ ބަދަލު ވަރަށް އަވަހަށް ފެންނާނެ، އިންޝާﷲ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެޕުން ހޯދާ ބަސްތައް ހިސްޓްރީގައި ފެންނަން ހުންނަ ގޮތް ހަދައި ހިސްޓްރީގައި ބަހައްޓަން ބޭނުން ނުވާ ލަފުޒުތައް ޑިލީޓް ކޮށްލުމުގެ ފީޗާއެއްވެސް އަވަސް މުސްތަގުބަލެއްގައި ރަދީފް އެޕްގައި ތައާރަފް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެޕުގެ ތެރެއިން ލަފުޒުތަކުގެ މާނަ ހޯދައި އެ އެއްޗެއް ވަގުތުން ފަސޭހަކަމާއެކު ހިއްސާ ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

ދިވެހިބަހުގެ ރަދީފު މިހާރު ޓެބްލެޓަށާއި އައިޕެޑަށް ތައާރަފް ކޮށްފައިވާއިރު، ރަދީފު މޮނިޓާކޮށް ރަދީފުގެ "ސްޓެޓިސްޓިކްސް" ބަލަހައްޓާނެ ޑޭޓާ ބޭސްއެއް ނުވަތަ "ބަސްދާރު"ގެ ނަމުގައި ވަނީ އިފްތިތާހުކޮށްފައެވެ. ބަސްދާރު އިފްތިތާހުކޮށްފައި ވަނީ ދިވެހިބަހުގެ އެކަޑަމީގެ ކުރީގެ ރައީސް އަޝްރަފު ޢަލީގެ ބުރަމަސައްކަތްޕުޅާއެކު މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ އަށް ވަނަ ދުވަހުއެވެ.

ދިވެހިބަހުގެ އެކެޑަމީގައި އެކުލަވާލައިފައިވާ ބަސް ކޮމެޓީންނާއި ދިވެހިބަހުގެ އެކަޑަމީގެ ރަދީފުގެ މުޝީރުގެ އެހީއާއެކު، އަބަދުވެސް ރަދީފް އެޕްލިކޭޝަންއަށް ބޭނުންވާ ކަންކަމާއި އަދި ބަސްދާރުގައި ރައްކާކުރެވޭ މައުލޫމާތުތައް ދަނީ މޮނިޓާކުރަމުންނެވެ. ރަދީފަށް ގެންނަން ބޭނުންވާ އާ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ޑރ. އަޝްރަފް ވިދާޅުވީ އެފަދަ ފަސޭހަ އަދި ރަނގަޅު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދިވެހިބަހުގެ ރަސްމީ ރަދީފު ހުރިހާ ފަރާތްތަކަށް ވެސް ބޭނުން ހިފޭ އެއްޗަކަށް ހެދުމަކީ ނުހަނު ބޭނުންވާ ކަމެއް ކަމަށެވެ.

ރަދީފު އެޕުގެ ބޭނުން ހިފައި، ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް ދިވެހިބަހާއި ރައްޓެހި ބަޔަކަށް ހެދުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ޑރ. އަޝްރަފް ވިދާޅުވިއެވެ.

comment ކޮމެންޓް