އާރަށު މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ކުރި ތުހުމަތުތައް ރައީސް ޔާމީން ދޮގުކުރައްވައިފި

ޖަލު ހުކުމުން މިނިވަންވެ ވަޑައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރެއްވުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައްސަލައިގައި ހެކިބަސް ދޭންތިބި މީހުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނުފޫޒު ފޯރުވާކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

އާރަށު މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ބުނެ މޯލްޑިވްސް ލީގަލް ބިއުރޯގެ މެނޭޖިން ޑިރެކްޓަރު، މުޙައްމަދު ހަލީމް ވަނީ ޕޮލިހަށާއި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.

ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ހަލީމް ސޮއިކުރައްވައި ފުލުސް އޮފީހާއި ޕީޖީ އޮފީހަށް ފޮނުއްވި ސިޓީގައި ވަނީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ ރައީސް ޔާމީންގެ ފަރާތުން އެ މައްސަލައިގައި ހެކިބަސް ދޭންތިބި މީހުންނަށް ބިރުދައްކައި ހެއްކަށް ނުފޫޒުފޯރުވުމަށް ތަފާތު އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅޭ ބައެއް މީހުންނަށް އެ ގައުމުތަކުގައި ފިއްތުން ކުރިމަތިކޮށް އެމީހުންނަށް ދީފައިވާ ހިމާޔަތް ކެންސަލް ކުރުމުގެ ގޮތުން އެގައުމުތަކުގައި ހުރި ލޯފާމްތައް މެދުވެރިކޮށް ތަފާތު ބާވަތްތަކުގެ ފިއްތުންތައް ކުރިމަތި ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

މީގެއިތުރުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ރައީސް ޔާމީން ހެކިންނަށް ބިރުދައްކަމުން ދާ ކަމަށް ވެސް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ތުހުމަތުތަކާ ބެހޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ނުފޫޒު ފޯރުވާނަމަ ފޯރުވާނީ މިހާރު އެކަނި ނޫންކަމަށެވެ. އަދި އެގޮތަށް އެކަން ކުރާނަމަ ސީދާ ސާފު ހެކި އެކަމަށް ހުންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެކެވޭ ހުރިހާ ވާހަކައަކީ ތެދެއް ނޫން. މި މައްސަލައިގައި އަޅުގަނޑު ނުފޫޒު ފޯރުވަމުންދާ ކަަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު މުޅިން ދޮގު ވާހަކަތަކެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އާ ރަށުގެ މައްސަލައިގެ ޝަރީއަތަށް ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާއި ކުރިން ނުފޯރުވި ނުފޫޒެއް މިހާރު ފޯރުވާނެ ސަބަބެއް ނެތްކަމަށެވެ.

އާރަށު މައްސަލައިގައި ހެކިންނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ކުރެވޭ ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވާފައިވާއިރު، ޕީޖީއަށާއި ފުލުހުންނަށް އެ މައްސަލަ ހުށަހެއްޅުއްވި ހަލީމް ފޮނުއްވި ސިޓީގައި، ހެކިބަސް ދޭން ހުރި މީހަކަށް ބިރުދައްކައި، ނުފޫޒުފޯރުވުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގެ ދަށުން އެކަން ކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.

comment ކޮމެންޓް