ސިޔާމްއާ މައްސަލައެއް ނެތް, ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަން ކުރަން ތައްޔާރު: ޔާމީން

ފަސް އަހަރު ދުވަހަށް އިއްވި ޖަލު ހުކުމް ބާތިލް ކުރިފަހުން ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުއާ އެއްވެސް ކަހަލަ މައްސަލައެއް ނެތް ކަމަށާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރު ކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ދެ އަހަރު ދުވަހު ޖަލުގައި އޮންނެވުމަށްފަހު މިދިޔަ އަހަރުގެ ފަހުކޮޅު މިނިވަންވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިތުރު ޕާޓީތަކާ އެކު ކޯލިޝަން ހަދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ޕީޕީއެމްގެ ވެރިކަން ފެށިގެން ނިމެންދެން އެ ޕާޓީއާ އެކު ކޯލިޝަން ގައި ހަމަ އެކެނި ދެމި އޮތް އެމްޑީއޭއާ އެކު ކޯލިޝަން ހައްދަވަފާނަންތޯ ނޫސްވެރިއެކު ވަނީ ސުވާލު ކޮށްފައެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީއޭއާ އެކު ކޯލިޝަން ހަދަންޖެހޭ ހިސާބަށް ގޮސްފިނަމަ އެކަން ނިންމާނީ އެ ޕާޓީގެ ސެނެޓުން ކަމަށެވެ.

"ސިޔާމަކީ އަޅުގަނޑުގެ ހަމަ ވަރަށް ގާތް ބޭފުޅެއް. އެހެންވީމަ ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފި ކަމަށް ވަންޏާ އެމްޑީއޭ އަޅުގަނޑުމެން ރޫލް އައުޓެއް ނުކުރާނަން. އެމްޑީއޭ އެކީގައި ކޯލިޝަން ހަދަން ޖެހޭ ހިސާބަށް ގޮސްފިކަމަށް ވަންޏާ އެކަން ނިންމާނީ އަޅުގަނޑުމެންގެ ދެ ޕާޓީގެ ސެނެޓުން," ޔާމީން ވިދާޅުވިއެވެ.

ނޮވެމްބަރ 29، 2016: ރައީސް ޔާމީނާއި ސިޔާމް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސިޔާމް އަކީ އެމަނިކުފާނުގެ ގާތް ރައްޓެއްސެއްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ 2018ގެ އިންތިޚާބުގައި ކޯލިޝަން ހަދާފައި ނުވަނީ އެމްޑީއޭއިން އެގޮތަށް ބޭނުން ވެގެން ކަމަށެވެ. އަދި އޭގެ ފަހުން މިއަދާހަމައަށް ވެސް ދެ ޕާޓީން ކޯލިޝަން ހަދާފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"ސިޔާމް އަކީ އަޅުގަނޑުގެ އަމިއްލަ ވަރަށް ގާތް ރައްޓެއްސެއް އިނގޭތޯ. އެހެންވީމަ އަޅުގަނޑުގެ ހަމަ އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތް އިނގޭތޯ," ޔާމީން ވިދާޅުވިއެވެ.

މިވަގުތު އެމްޑީއޭއާ އެކު ކޯލިޝަން ހަދާފައި ނެތް ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ މޭރުމަކުން ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

"ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނިމި ކޯލިޝަން ހަދާ ހިސާބަށް ދިޔައީމަ އެއީ އަދި ތަފާތު މަރުހަލާއެއް ދެއްތޯ," ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް