އެމްޑީއޭއަށް އެއްބުރުން ވެރިކަމަށް އާދެވޭނެ, ކޯލިޝަނެއް ބޭނުމެއް ނުވޭ: ސިޔާމް

އެމްޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ސިޔާމް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިތުރު ސިޔާސީ ޕާޓީއަކާ އެކު ކޯލިޝަނެއް ހެދުމެއްނެތި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބުކޮށް އެމްޑީއޭއަށް ވެރިކަމަށް އާދެވޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭއިން މިއަދު ބޭއްވި އެ ޕާޓީގެ ކޮންގްރެސްއަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސިޔާމް ވަނީ އިތުރު ޕާޓީތަކާ ކޯލިޝަން ހަދަން ނުޖެހޭ ސަބަބު ކިޔައިދެއްވާފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި މި ޕާޓީއަކުން ކޮންމެހެން ކޯލިޝަނެއް ބޭނުމެއް ނުވޭ ދިވެހިރާއްޖޭގެ ވެރިކަމަށް އަންނާކަށެއް. އެއީ އަޅުގަނޑުމެންނަކީ ވަރަށް ސާފު ތޯހިރުބައެއް. ފަސްބައި ވަރަށް ސާފުވާނެ," ސިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނާ މެދު އެމްޑީއޭ އިން ކަންތައްކުރިގޮތް އެ ރައްޔިތުން ހެޔޮހިތުން ބަލައިގަންނަ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ދިވެހި ރައްޔިތުންނަށް ކިހާ ފައިސާއެއް ދޭ ބައެއްކަން ދިވެހިރާއްޖޭގަ އެންމެ ގިނައިން ފައިސާ ދޭ ބައެއްގެ ގޮތުގައި ގައިމުވެސް ދިވެހި ދައުލަތަށް އާސަންދަ އާއި އަދި އެހެނިހެން ކަންތައްތައް ކުރުމަށް ދިވެހި ދައުލަތަށް ފައިސާ ދޭ ބަޔަކީ އަޅުގަނޑުމެން," ސިޔާމް ވިދާޅުވިއެވެ.

އެމްޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެހެން ކަމުން އެމްޑީއޭ އަކީ ދިވެހި ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެވޭނެ ބައެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި އެ ޕާޓީގެ ވިސްނުން މިވަގުތު ހުރީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށް ވެރިކަމަށް އައުމަށް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަށް ވެސް ސިޔާމްގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ.

އޭނާ ވިދާޅުވީ އެމްޑީއޭގެ ވެރިކަމެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ނުކުރާނެ ކަމަށާއި މިހާރު މި އޮތް ރިޔާސީ ނިޒާމުގެ ސަބަބުން ވެރިކަން ހިންގުމުގައި ރައްޔިތުންގެ ސިދާ ބައިވެރިވުން އޮންނަ ކަމަށެވެ. އަދި މި ނިޒާމަކީ ޗެކް އެންޑް ބެލެންސް ނިޒާމެއް ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"މިހާރު މިއޮތް ސިސްޓަމަކީ ހަމަ ބަރާބަރު ސިސްޓަމެއް ވެރިކަން ކުރަން. ރައްޔިތުންނަށް ރަނގަޅު އޯގާތެރި ވެރިކަމެއް ކޮށްދެވޭނެ މި ސިސްޓަމްގެ ތެރެއިން," ސިޔާމް ވިދާޅުވިއެވެ.

ނާޒުކު ފައްތަރެއްގައި ރާއްޖޭގެ އިގްތިޞާދު އޮތް ދަނޑިވަޅެއްގައި ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން ނިޒާމާ ގުޅޭ ވޯޓެއް ނެގުމަކީ އެއްވެސް ބޭނުންތެރި ކަމެއް ނޫން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް