ކުރިއަށް އޮތް ދެ ތިން މަހެއްހައި ދުވަހުގެ ތެރޭ ދ. މީދޫގައި އިލެކްޓްރިކް ބަގީގެ ޚިދުމަތް ފަށައި، އިސްރަށްވެހިންނަށް ޚާއްސަ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ދ. މީދޫ ދާއިރާއަށް އިތުރު ދައުރަކަށް ވާދަކުރައްވާ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
މިހާރު ވެސް ދާއިރާގެ މެމްބަރުކަން ކުރައްވާ ސިޔާމް، މިއަދު ވަޑައިގެންނެވީ ދ. މީދޫއަށެވެ.
މީދޫގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ މީދޫގައި ގިނަ އަދަދެއްގެ އިސްރަށްވެހިން އެކި ބަލިތަކާހެދި ހިނގާބިނގާވެ އުޅުމަށް ދަތިވެފައި ތިބި ކަމަށެވެ.
އެހެންވެ، އެ މީހުންނަށް ޚާއްސަކޮށް ބަގީގެ ޚިދުމަތް ފަށައިދެއްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުން މި ރަށު ކައުންސިލާ ގުޅިގެން ކުރިއަށް އޮތް ދެ މަސް ތިން މަސް ތެރޭގައި މި ރަށުގެ ތެރޭގައި އިލެކްޓްރިކް ބަގީގެ ސާވިސް ދީ އެ މުސްކުޅިންނަށް ބޭރަށް ނިކުމެ ތަނަކަށް ޖަމާވެ އެކަކު އަނެކަކާ ވާހަކަދެއްކޭނެ ގޮތް ހަދައިދޭން،" ސިޔާމް ވިދާޅުވިއެވެ.
އެއާއެކު އިސްރަށްވެހިންނަށާއި އަންހެނުންނަށް ވެސް ޚާއްސަ އިމާރާތެއް އަޅައި، މުނިފޫހިފިލުވުމުގެ ވަސީލަތްތައް ވެސް ގާއިމްކޮށްދެއްވާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.
މި ކަމުގެ ބޭނުމަކީ ރައްޔިތުންނަށް އޯގާތެރިވުން ކަމަށާއި އެއްވެސް ރައްޔިތަކަށް އަޅައިނުލެވި ބާކީ ކުރެވިފައި ހުންނާކަށް ބޭނުންފުޅުނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެެވެ.
އެހެންކަމުން ކުރިއަށް އޮތް ތިން ވަރަކަށް މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށައި އެ ކަން ކޮށްދެއްވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑެއް ގައިމު ވެސް ބޭނުމެއް ނޫން އެއްވެސް ރައްޔިތަކީ އަޅައިނުލެވި ބާކީވެފައިހުރި މާޔޫސްވެފައި ހުރި ރައްޔިތަކަށް ވާކަށް އަޅުގަނޑެއް ބޭނުމެއް ނުވޭ،" ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމްވަނީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް ރަށް ތަރައްގީކޮށްދިނުމަށް އެހީތެރިކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަދި ރަށަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތް އަވަސްކުރަން ސަރުކާރުގައި ދަންނަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.