ޕޯސްޓްމޯޓަމް ހަދަން ޝިއާއުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވައިފި

ޝިއާއުގެ ހަށިގަނޑު އެންބިއުލަންސްގައި ގަލޮޅު މޯޗަރީއަށް ގެންދަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ ހ. ޝީރީން ވިލާގޭގެ ނުވަ ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓަކުންނެވެ. އޭނާ މަރާލުމުގެ އިތުރުން އޭނާގެ އަތްފަޔާއި ކަރު ވެސް އޮތީ ބުރިކޮށްލާފައެވެ.

އެ އަނިޔާވެރި ގަތުލާ ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާކަމަށް ބުނެފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން"އަށް ވިދާޅުވީ ޝިއާއުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިކަމަށެވެ.

ފޯސްޓްމޯޓަމްއަށް އޭނާގެ ހަށިގަނޑު ފޮނުވި ވަކި ގައުމެއް ފުލުހުން ހާމަނުކުރެއެވެ. ނަމަވެސް "ސަން"އަށް އެނގިފައިވާގޮތުގައި ޝިއާއުގެ ހަށިގަނޑު ފޮނުވާފައި ވަނީ އިންޑިއާއަށެވެ.

އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނު އިރު، ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް، 22އެވެ. އެ ހާދިސާ ހިނގި ރޭ އެ ގެއިން ޝާހިލް ނެރެގެން ގެންގޮސްފައިވަނީ އެރޭ ދަންވަރު 1:25 ގައެވެ.

އެ މައްސަލައިގައި ޝާހިލްގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. ޝާހިލް ހައްޔަރު ކޮށްގެން އެންމެ ފުރަތަމަ ގެންދިޔައީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އަދި ފަހުން އޭނާ ވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.

ޝިއާއުގެ ހަށިގަނޑު އެރޭ ދަންވަރު ފުލުހުން ވަނީ ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. ހާދިސާ ހިނގި ސަރަހައްދުގައި ތިބި "ސަން"ގެ ނޫސްވެރިން އެރޭ މައުލޫމާތު ދިން ގޮތުގައި އެމްބިއުލާންސަށް އެރުވީ ދެ ބޮޑީބޭގެއް ވަކިންނެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގި އެންމެ ރަހުމު ކުޑަ އެއް މަރެވެ.

comment ކޮމެންޓް