އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިމާރާތް އެޅުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިއްޔެ ސޮއި ކުރި އެ އެއްބަސްވުމުގެ ދަށުން އެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 1 ގައެވެ. އެ އެއްބަސްވުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ކޯޕަރޭޓް ސާވިސަސްގެ ޑިރެކްޓަރު ނިޝްވާ ފިރާޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ އެ އިމާރާތް ވެގެން ދާނީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާ ގޮތް ބަލައި، ޓްރާންސްޕޭރެންސީ އިތުރުކޮށް ޒިންމާދާރުކުރުމުގެ މަސައްކަތް ވަރުގަދަ ކުރުމަށް އެޅިގެންދާ ވަރަށްވެސް މުހިންމު ފިޔަވަޅެއް ކަމުގައެވެ.
އެ އިމާރާތުން އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް ހިންގުމަށް ބޭނުންވާ ޖާގަ ލިބޭނެކަމަށާއި އެކަމުގެ ސަބަބުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރ އެކައުންޓިން ވަރުގަދަ ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އަދި އިދާރީ ހިންގުމުގެ ފެސިލިޓީސް ފުރިހަމަ ވާނެ ކަމަށްވެސް ނިޔާޒީ ވިދާޅުވިއެވެ.
އޮޑިޓާ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔާތު އާއި އެ އޮފީހުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
ހަ ފަންގިފިލާގެ މި އިމާރާތް ތަރައްގީކޮށް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއިން ވަނީ އެއްބަސްވެފައެވެ.
މިހާރު އޮޑިޓް އޮފީސް ހިންގަމުން އަންނަނީ ވަރަށް ކުރީގެ އިމާރާތެއް ކަމަށްވާ ގާޒީ ބިލްޑިންގައެވެ. އެ އިމާރާތުން ބަދަލުވުމަށް އެ އޮފީހުން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައި ވެއެވެ.