އިބާދުﷲ 200 މީޓަރު ދުވުމުގެ ސެމީ ފައިނަލަށް

ކުރިއަރަމުން އަންނަ ދުވުންތެރިޔާ އިބާދުﷲ އާދަމް--- ފޮޓޯ/ އެމްއޯސީ

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އިބާދުﷲ އާދަމް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެ މުބާރާތުގައި އިބާދުﷲ ދުވަން އޮތް ހީޓުގެ ތިން ދުވުން ތެރިން މުބާރާތުން ޑިސްކޮލިފައި ކޮށްފައިވާއިރު އެ ހީޓުގައި ދުވެފައިވަނީ ފަސް ދުވުންތެރިންނެވެ. އަދި އެ ހީޓުގައި އިބާދުﷲ އަށް ލިބުނީ ހީޓުގެ ތިން ވަނައެވެ.

އިބާދުﷲ އެ ރޭސް ނިންމާފައިވަނީ 21.75 ސިކުންތުންނެވެ. އިބާދުﷲ އަށް ސެމީގެ ޖާގަ ލިބިފައިވަނީ ރޭހުގެ ގަދަ ހަތަރު ދުވުންތެރިންގެ ތެރޭގައި ހިމެނިފައިވާތީއެވެ.

އިބާދުﷲ އަންނަނީ ފަހަކަށް އައިސް މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން އިއްޔެ ސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ ފަހަތަށް ޖައްސާލުމަށްފަހު އޭނާ އަށް ވުރެ ކުރިން ރޭސް ނިންމާފައެވެ.

އެ މުބާރާތުގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ހީޓުގައި ސާއިދު ވަނީ ދުވެފައެވެ. އެ ހީޓް އޭނާ ނިންމާފައިވަނީ 10.60 ސިކުންތުންނެވެ. ނަމަވެސް މުބާރާތުގެ ފަސްވަނަ ހީޓުގައި ރާއްޖޭގެ އިބާދުﷲ 10.54 ސިކުންތުން ވަނީ އެ ރޭސް ނިންމައިފައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުގައި މިއަދު ސާއިދު ވެސް ވަނީ ދުވެފައެވެ. އޭނާގެ ހީޓުގައި ބާރު ދުވުންތެރިން ތަކެއް ހިމެނުނުއިރު އެ ސާއިދަށް ލިބިފައިވަނީ ހީޓުގެ ފަސްވަނައެވެ. އެހެންކަމުން އޭނާއަށް ވަނީ ސެމީގެ ޖާގަ ގެއްލިފައެވެ.

comment ކޮމެންޓް