ފަހުރުވެރި ކާމިޔާބީއަކާއެކު ރާއްޖެއައި ގައުމީ ޓީޓީ ޓީމަށް ހޫނު މަރުހަބާއެއް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ބައިވެރިވި ރާއްޖޭގެ ޓީޓީ ޓީމަށް މަރުހަބާ ކިޔުމުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

ތުރުކީގައި ކުރިއަށްދިޔަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޓީޓީ ޓީމު މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަދު ޓީޓީ ޓީމު މާލެއައުމުން އެއްނަބަރު ފާލަމުން މަރުހަބާ ކިޔައިފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ރަސްމީ އިއްޒަތުގައި ޓީޓީ ޓީމު ރައީސް އޮފީހަށް ގެންދިޔައިރު ރައީސް އޮފީހުން ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ޓީމަށް މަރުހަބާ ކިޔައިފައެވެ.

މީގެ އިތުރުން އެ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މިހާރަށްވުރެ އިތުރު ފަހިގޮތްތައް ކުރިޔަށް އޮތްތަނުގައި ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށެވެ.

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީއަކީ ކުޅިވަރުގެ މައިދާނުގައި ރާއްޖޭގެ ނަން ރަން އަކުރުން ފެވިގެންދާނެ ކާމިޔާބީއެއްކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ކުރިން ރާއްޖެއަށް ގިނަ ކާމިޔާބީތައް ހާސިލު ކުރެވެމުން ދިޔައީ ސަރަހައްދީ މުބާރާތްތަކުން ކަމުގައި ވީނަމަވެސް މިފަހަރުގެ މި ކާމިޔާބީއާއެކު ކުޅިވަރުގެ މައިދާނުގައި ރާއްޖެއަށް މިއައްވުރެ މާބޮޑެތި ކާމިޔާބީތައް ވެސް ހޯދިދާނެކަމުގެ އިތުބާރާއި ޔަޤީންކަން ލިބިއްޖެކަމަށެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ބައިބެރިވި އެތުލީޓުންނަށް މަރުހަބާ ކިޔުމުގެ ތެރެއިން--- ސަން ފޮަޓޯ / މުހައްމަދު ނާއިލް ހުސައިން

"ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ހުރިހާ ކުޅިވަރުތައް ތަރައްޤީކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެ،" ރައީސް ޞާލިޙު ވިދާޅުވިއެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް ރާއްޖޭގެ ޓީޓީ އަންހެން ޓީމު ވަނީ ލޯ މެޑްލް ހޯދައިފައެވެ. އެއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭއަށް ލިބުނު ފުރަތަމަ މެޑަލެވެ. މީގެ ކުރިން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 2007 ވަނަ އަހަރު އަޒަރުބައިޖާންގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް 100، 200 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފައެވެ. ނަމަވެސް އެ އަހަރު އޭނާއަށް އެއްވެސް މެޑަލެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް މިއަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ލޯ މެޑަލް ހޯދައިފައިވަނީ ސެމީ ފައިނަލުގައި އީރާން އާ ވާދަކޮށެވެ. އެ މެޗުގައި ރާއްޖެ ވަނީ ތިން ސެޓުން އިރާން އަތުން ބަލިވެފައެވެ.

comment ކޮމެންޓް