ކުޅިވަރުގައި ތާރީޚީ ދުވަހެއް، ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ ޓީމް ލޯމެޑަލް ހޯދައިފި

މިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު--- ފޮޓޯ/ އެމްއޯސީ

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ފުރަތަމަ ފަހަރަށް ލޯ މެޑަލެއް ހޯދައިފިއެވެ.

މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭއަށް ލިބުނު ފުރަތަމަ މެޑްލެވެ. މީގެ ކުރިން ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ވަނީ 2007 ވަނަ އަހަރު އަޒަރުބައިޖާންގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް 100، 200 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފައެވެ. ނަމަވެސް އެ އަހަރު އޭނާއަށް އެއްވެސް މެޑަލެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް މިއަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމުން ލޯ މެޑަލް ހޯދައިފައިވަނީ ސެމީ ފައިނަލުގައި އީރާން އާ ވާދަކޮށެވެ. އެ މެޗުގައި ރާއްޖެ ވަނީ ތިން ސެޓުން އިރާން އަތުން ބަލިވެފައެވެ.

މިއަދު ސެމީ ފައިނަލް މެޗުގެ ސިންގަލްސް ފުރަތަމަ މެޗުގައި ކުޅެފައިވަނީ ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އީރާންގެ އަސްތާރީ މަހުސިދެވެ. އެ މެޗު އަސްތަރީ ކާމިޔާބުކޮށްފައިވަނީ 04-11، 08-11 އަދި 02-11ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލް މެޗުގެ ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅެފައިވާއިރު އޭނާގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. މެޗުގައި ރަފާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް އެ މެޗު އިރާން އިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓުގައި ނަދާގެ މައްޗަށް ރަފާ ކުރިހޯދީ 11-09ގެ ނަތީޖާއަކުންނެވެ. ނަމަވެސް އިރާންގެ ކުޅުންތެރިޔާގެ ކުޅުން ރަނގަޅުކޮށް ދެވަނަ އަދި ތިން ވަނަ ސެޓު 07-11 އަދި 04-11 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ނަމަވެސް މެޗުގެ ހަތަރު ވަނަ ސެޓު ރަފާ ކާމިޔާބުކޮށް މެޗުން މޮޅުވުމުގެ އުންމީދު އޭނާ ވަނީ އާ ކޮށްފައެވެ. އެ ސެޓު ރަފާ ކާމިޔާާބުކުރީ 12-10ގެ ނަތީޖާއަކުންނެވެ. ނަމަވެސް ފަސް ވަނަ ސެޓު 08-11ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިރާނުގެ ކުޅުންތެރިޔާ ވަނީ މެޗު ކާމިޔާބުކޮށްފައެވެ.

ސެމީ ފައިނަލް މެޗުގެ ޑަބަލްސް މެޗުގައި ރާއްޖޭގެ ޓީމުން ކުޅެފައިވަނީ ފާތިމަތު ޖުމާނާ ނިމާލް އާއި ރަފާގެ ޕެއާއެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިރާންގެ ޓީމުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު 05-11ގެ ނަތީޖާއަކުން އިރާން ކާމިޔާބުކޮށްފައިވާއިރު ދެވަނަ ސެޓު 12-10ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ރާއްޖޭގެ ޓީމުންނެވެ. ނަމަވެސް މެޗުގެ ބާކީ ތިން ސެޓު ވެސް ކާމިޔާބުކޮށް އިރާން ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. އެ ސެޓުތައް އީރާން ކާމިޔާބުކުރީ 04-11 އަދި 05-11ގެ ނަތީޖާއަކުންނެވެ.

ރާއްޖޭގެ ޓީޓީ ޓީމުން އަންނަނީ މުބާރާތްތަކުގައި ރަނގަޅު ކުޅެމެއް ދައްކާ ކާމިޔާބީތައް ހޯދަމުންނެވެ. ސޮލިޑާރިޓީ ގޭމްސް އިން ލިބުނު ލޯ މެޑަލްއާއެކު އެ ޓީމަށް ވަނީ ތަފާތު ތިން މުބާރާތަކުން ތިން މެޑަލް ލިބިފައެވެ. އެއީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިތުރުން އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްއެވެ.

comment ކޮމެންޓް