އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް ހިމްނާއަށް ގައުމީ ރެކޯޑެއް

ރާއްޖޭގެ ޒުވާން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން --- ފޮޓޯ/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ކުރިއަރަމުން އަންނަ އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އާ ކޮށްފިއެވެ.

ހިމްނާ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އާކުރީ ދެވަނަ ހީޓުގައި ދުވެގެން 24.66 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން އެ ރެކޯޑު އޮންނަނީ އަފާ އިސްމާއީލް އަތުގައެވެ. އެ ރެކޯޑަކީ 2016 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގައި ދުވެ 24.96 ސިކުންތުން ރޭސް ނިންމައިގެން އޭނާ ހަދައިފައިވާ ރެކޯޑެކެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ކުރިއަށް ގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ވެސް ހިމްނާ ވަނީ ގައުމީ ރެކޯޑެއް ހަދައިފައެވެ.

އެ ރެކޯޑަކީ މީގެ 21 އަހަރު ކުރިން ރާއްޖޭގެ ދުވުންތެރިޔާ ސަމްހާ އަހުމަދު ހަދާފައިވާ ރިކޯޑެކެވެ. އެ އަހަރު ކެނެޑާގައި ބޭއްވި ވޯލްޑު ޗެމްޕިއަންޝިޕްގައި އޭނާ 100 މީޓަރުގެ ދުވުން ފުރިހަމަކޮށްފައިވަނީ 12.27 ސިކުންތުންނެވެ. ނަމަވެސް އެ ރެކޯޑު ހިމްނާ މުގުރާލައިފައިވަނީ 12.17 ސިކުންތުން ރޭސް ނިންމާފައެވެ.

ޒުވާން ދުވުންތެރިޔާ ހިމްނާ އެންމެ ފާހަގަކުރެވިފައިވަނީ 400 މީޓަރު ދުވުމުންނެވެ. އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން އެ ދުވުމުގެ ރިކޯޑު އާކޮށްފައެވެ. އެގޮތުން ހިމްނާ ވަނީ 2018، 2019، 2021 އަދި މި އަހަރުގެ ޖޫން މަހުގައި 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު އާކޮށްފައެވެ.

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ އިތުރު ތިން އެތުލީޓެއް ވަނީ މިއަދު ވާދަކޮށްފައެވެ. އެއީ ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަަސަން ސާއިދާއި، އަންހެން އުންމީދީ ދެ އެތުލީޓުން ކަމަށްވާ މަރިޔަމް އަލްހާ ހުސައިންގެ އިތުރުން މަރިޔަމް ރޫޔާ އަލީއެވެ.

comment ކޮމެންޓް