ނިއުކާސަލްއާއިި ބްރައިޓަންގެ ޖޯޒީގެ ކުލަ ދިމާވާތީ މެޗު ކުޅެން ޖެހެނީ ޕްރީ މެޗު ޖޯޒީގައި

ނިއުކާސަލް ކުޅުންތެރިން ޕްރީ މެޗު ޖާޒީގައި---

އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރާ މެޗުގައި ދެ ޓީމުގެ އޮފިޝަލް ޖޯޒީތަކުގެ ކުލަތައް ދިމާވާތީ ނިއުކާސަލް އެހެން ޖޯޒީއެއް ލާން ޖެހިއްޖެއެވެ.

ކުޅިވަރު ނޫސް ގޯލް އިން ރިޕޯޓުކޮށްފަައިވާ ގޮތުގައި އެ ޓީމުގެ ޖޯޒީ ކުލަތައް ބްރައިޓަންގެ ކުލަތަކާ ދިމާވާތީ އެ ޓީމުން ޖެހެނީ މެޗުގެ ކުރިން ވާމްއަޕްކުރުމަށް އެ ޓީމުން ބޭނުންކުރާ ޕްރީ މެޗު ޖޯޒީ ލާށެވެ.

ބްރައިޓަންއިން ބޭނުންކުރާ ނޫ ކުލަ އަދި ހުދު ކުލައިގެ ރޮނގު ދަމައިފައި ހުންނަ ޖޯޒީ ނިއުކާސަލްއިން ހޯމް ޖޯޒީގެ ގޮތުގައި ބޭނުންކުރާ ކަޅު އަދި ހުދު ކުލައިގެ ރޮނގު ދަމާފައިވާ ޖޯޒީ އާ ދިމާވާކަމަށް ޕްރިމިއާ ލީގުން ވެސް ވަނީ ބުނެފައެވެ.

މީގެއިތުރުން ޕްރިމިއާ ލީގުން ބުނީ ދެން ނިއުކާސަލް އިން ބޭނުންކުރާ އަވޭ ޖޯޒީ އަދި ތިން ވަނަ ޖޯޒީގެ ކުލަތައް ކަމަށްވާ ގަދަ ނޫކުލައިގެ އިތުރުން ހުދު ކުލައަކީ ވެސް ބްރައިޓަންގެ ޖޯޒީއާ ގުޅޭ ކުލަތައް ކަމަށެވެ.

ހޮނިހިރު ދުވަހު ނިއުކާސަލްއާ ދެކޮޅަށް ބްރައިޓަން ކުޅޭ މެޗަކީ ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗެއްކަމުން ބްރައިޓަން ލާން ޖެހޭނީ އެ ޓީމުގެ ހޯމް ޖޯޒީއެވެ. އެހެންކަމުން ނިއުކާސަލް ޖެހޭނީ ބްރައިޓަންގެ ކުލައާ އެއްގޮތް ނުވާނެ ޖޯޒީއެއް ބޭނުންކުރާށެވެ.

އެ ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ 19:00ގައެވެ. މިދިޔަ ހަފުތާގައި ވަނީ އެ ދެ ޓީމު ލީގުގެ ފުރަތަމަ މެޗު ކުޅެ އެ މެޗު ކާމިޔާބުކޮށްފައެވެ.

މެންޗަސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެ ބްރައިޓަން މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އަދި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ނިއުކާސަލް ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް