ސްޕާސް ބަލިކޮށް ސިޓީން ގަދަ ތިނެއްގެ އުންމީދުގައި

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށް، ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކުރީ 1-0 އިންނެވެ.

މެޗުގެ ފުރަތަމަ ކަށިގަނޑާ އެކު ސިޓީން ވަނީ ސްޕާސްގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން 12ވަނަ މިނެޓުގައި އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހައި، ލީޑު ނަގައިދީފައެވެ. މިއީ މި ސީޒަންގައި ލީގުގައި އޭނާ ކާމިޔާބުކުރި 20ވަނަ ލަނޑެވެ.

ދެވަނަ ހާފުގައި ސްޕާސްއިން ކުޅުން ރަނގަޅުކުރިއެވެ. އެ ޓީމުން ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތެއް ތަނަވަސްކުރި ނަމަވެސް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.

މެޗުގެ ނިމެން ގާތްވެފައިވަނިކޮށް ސިޓީން އިތުރު ބޯޅައެއް ގޯލަށް ވައްދާލިއެވެ. އެކަމަކު، އެ ލަނޑު ޖަހަން ހާލަންޑް ކުރި މަސައްކަތުގެ ތެރެއިން އޭނާގެ އަތުގައި ބޯޅަ ޖެހިފައިވުމުން ރެފްރީވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފައެވެ.

މި ކާމިޔާބީއާ އެކު ސިޓީ މިހާރު އޮތީ 27 މެޗުން ލިބިފައިވާ 47 ޕޮއިންޓާ އެކު ހަތަރުވަނައިގައެވެ. ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ ދެމެދުގައިވާ ފަރަގު މިހާރު ވަނީ އެއް ޕޮއިންޓަށް ކުޑަވެފައެވެ. ލީގުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މި ދެ ޓީމު ބައްދަލުކުރާ ގޮތަށް އޮތުމުން ތިންވަނައަށް ކުރާ ވާދަ ވެސް މިވަނީ ދެ ޓީމުގެ މެދުގައި އިތުރުވެފައެވެ.

ރޭގެ މެޗުން ބަލިވުމުން ސްޕާސް އޮތީ 33 ޕޮއިންޓާ އެކު 13 ވަނައިގައެވެ.

comment ކޮމެންޓް