އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން އިޕްސްވިޗް ޓައުން ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ 3-2 އިންނެވެ.
މެޗުގެ ހަތަރުވަނަ މިނެޓުގައި އިޕްސްވިޗުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގައިފައެވެ. ނަމަވެސް، އެ ޓީމަށް އެ ލަނޑު ޖެހުނީ ޔުނައިޓެޑްގެ ކީޕަރު އަންޑްރޭ އޮނާނާއާއި ޑިފެންޑަރު ޕެޓްރިކް ޑޯގޫގެ މެދުގައި އެރި އޮޅުންބޮޅުންގަނޑެއްގެ ސަބަބުންނެވެ. އެ ލަނޑު ޖަހައިދިނީ ޖޭޑެން ފިލޮޖީންއެވެ.
މެޗުގެ 22 ވަނަ މިނެޓުގައި އިޕްސްވިޗްގެ ސޭމް މޯސީ އަތުން ބައި ކޮޅަށް ވަން ލަނޑާ އެކު ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރިތާ ހަތަރު މިނެޓު ފަހުން މެތިއެސް ޑި ލިޓް ކާމިޔާބުކޮށްދިން ލަނޑުން މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑުން ލީޑު ނެގިއެވެ.
ޔުނައިޓެޑަށް އަނެއްކާ ވެސް މައްސަލަތަކާ ކުރިމަތިވީ ހާފު ނިމެން ދެ މިނެޓަށްވެފައި އޮއްވައި ޑޯގޫ، އިޕްސްވިޗްގެ އޮމާރީ ހަޗިސަންއަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ފައުލް ރެފްރީގެ ލޮލުގާ އަޅައިގެންފައިނުވި ނަމަވެސް ވީއޭއާރުން އެ ފައުލު ރެފްރީގެ ސަމާލުކަމަށް ގެނެސްވަނީ އެ ފައުލާ ގުޅިގެން އޭނާއަށް ރަތްކާޑު ދައްކާފައެވެ. ފުރަތަމަ ހާފުގެ ފަހު ވަގުތު ކޮޅުގެ އިތުރުން ދެވަނަ ހާފު އެއްކޮށް ޔުނައިޓެޑުން ކުޅެފައިވަނީ އެއް ކުޅުންތެރިއެއް މަދުކޮށެެވެ. މިކަމުގެ ފައިދާ ނަގާ އިޕްސްވިޗުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ފިލޮޖީންއެވެ.
މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާއެވެ. މެޗުގައި އިޕްސްވިޗަށް ލަނޑު ޖެހުމަށް ގިނަ ވަގުތު އޮތް ނަމަވެސް އެ ޓީމަށް ޔުނައިޓެޑްގެ ޑިފެންސް އިތުރަށް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.
މި ކާމިޔާބީއާ އެކު ޔުނައިޓެޑް މިހާރު އޮތީ 33 ޕޮއިންޓާ އެކު 14 ވަނައިގައެވެ. އިޕްސްވިޗް އޮތީ 17 ޕޮއިންޓާ އެކު 18 ވަނައިގައެވެ.
މުބާރާތުގައި ބްރެންޓްފަޑާއި އެވަޓަން ބައްދަލުކުރި މެޗު 1-1 އިންވަނީ ދެ ޓީމު އެއްވަރުވެފައެވެ. މެޗުގައި ބްރެންޓްފަޑްގެ ލަނޑު ޔޮއާން ވިސާ ކާމިޔާބުކޮށްދިންއިރު އެވަޓަންގެ ލަނޑު ޖަހައިދިނީ ޖޭކް އޯބްރައިންއެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ބްރެންޓްފަޑް މިހާރު އޮތީ 38 ޕޮއިންޓާ އެކު 11 ވަނައިގައެވެ. އެވަޓަން އޮތީ 32 ޕޮއިންޓާ އެކު 15 ވަނައިގައެވެ.