އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ނިއުކާސްލް ޔުނައިޓެޑް ބަލިކޮށް، 13 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ.
މެޗުގެ 11 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޮބޯޒްލާއިއެވެ. ލިވަޕޫލްގެ ދެވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެލެކްސިސް މެކް އެލިސްޓާއެވެ.
މެޗުގައި ނިއުކާސްލްއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. އެ ޓީމުގެ ނުރައްކާތެރި ފޯވަޑް އެލެގްޒެންޑަ އިސާކަށް އަނިޔާވެފައިވުމުގެ ސަބަބުން މެޗުގައި ނުކުޅެއެވެ. މީގެ އިތުރުން، ލިވަޕޫލްގެ ކޯޗަށް އައިސްފައިވާ ދެ މެޗުގެ ސަސްޕެންޝަންގެ ސަބަބުން މެޗުގައި އޭނާ އިންނަން ޖެހުނި ބެލުންތެރިންގެ ތެރޭގައެވެ.
މި ކާމިޔާބީއާ އެކު ލިވަޕޫލުން މިހާރު ވަނީ ކުޅުނު 28 މެޗުން ލިބިފައިވާ 67 ޕޮއިންޓާ އެކު އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ނިއުކާސްލް އޮތީ 44 ޕޮއިންޓާ އެކު ހަވަނައިގައެވެ.
ލިވަޕޫލަށް 13 ޕޮއިންޓްގެ ލީޑެއް ލިބުމުގައި ދެވަނައިގައި އޮތް އާސެނަލާއި ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު، އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުން މުހިންމު ދައުރެއް އަދާކުރިއެވެ.
އާސެނަލުން ލިވަޕޫލަށް ވުރެ އެއް މެޗު މަދުން ކުޅެފައިވީ ނަމަވެސް މި ވަގުތު ލިވަޕޫލުން ކުޅެމުންދާ ކުޅުމަށާއި އެ ޓީމަށް ލިބިފައިވާ ލީޑަށް ބަލާއިރު އެއްވެސް ޓީމަކަށް އެ ޓީމާ އަރާ ހަމަވުން ވާނީ ވަރަށް ނާދިރު ކަމަށެވެ. އެހެންނަމަވެސް، އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ އެންމެ ފަހުން ވެސް ބުނީ، އެ ޓީމުން އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ލީގަށް ކުރާ އުންމީދު ކަނޑައިނުލާނެ ކަމަށެވެ. މެޗު އެއްވަރުވުމުން އާސެނަލް މިހާރު އޮތީ 54 ޕޮއިންޓާ އެކުއެވެ. އަދި، ފޮރެސްޓް އޮތީ 48 ޕޮއިންޓާ އެކު ތިންވަނައިގައެވެ.