އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ކުއާޓާއާ ހިސާބުން ރަފާއަށް މުބާރާތް ނިމިއްޖެ

ކުއާޓާ ފައނަލުގައި ރަފާ އާއި ސާރާ ބައްދަލުކުރި މެޗުގެ ތެރެއިން--- ފޮޓޯ/އެމްއޯސީ

ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުގައި މިއަދު ކެމެރޫންގެ ކުޅުންތެރިޔާ އާ ވާދަކޮށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވެ އެ މުބާރާތުން އޭނާ ކަޓައިފިއެވެ.

އިސްލާމީ ގައުމުތަކުގެ މެދުގައި ބާއްވާ އެ މުބާރާތުން ރަފާ ކަޓައިފައިވަނީ އިއްޔެ އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލްގައި ކެމަރޫންގެ އެއްވަނަ ކުޅުންތެރިޔާ ސާރާ ގަބްރިއެލޭ އަތުން ސީދާ ތިން ސެޓުން ބަލިވުމުންނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު 21-10ގެ ނަތީޖާއަކުން ސާރާ ކާމިޔާބުކުރިއިރު މެޗުގެ ދެވަނަ ސެޓު 11-07ގެ ނަތީޖާއަކުން ވެސް ކާމިޔާބުކުރީ ސާރާއެވެ. އަދި މެޗުގެ ތިންވަނަ ސެޓު އޭނާ ކާމިޔާބުކުރީ 11-09ގެ ނަތީޖާއަކުންނެވެ.

ރަފާ އެ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކޮށްފައިވަނީ ފުރަތަަމަ ކުޅުނު މެޗުން އުޒްބެކިސްތާންގެ ރޮޒެލީނާ ހަދީޖޭވާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ރަފާ މެޗު ކާމިޔާބު ކުރީ، 11-2، 11-3، 11-2ގެ ނަތީޖާއަކުންނެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ފުރަތަމަ ބުރުގައި ވެސް ރަފާއަށް ވާދަކުރަން ޖެހިފައިވަަނީ އުޒްބެކިސްތާންގެ ކުޅުންތެރިޔަކާއެވެ. އެނާއާ ވާދަކޮށް ރަފާ އެ މެޗު ކާމިޔާބުކުރީ 11-4، 13-11 އަދި 11-3އިންނެވެ.

ރަފާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލުން ކެޓިއިރު އޭނާ ވަނީ އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖެ ތަމްސީލުކޮށްފައެވެ. އެ މުބާރާތުގައި ރަފާ ހިމެނުނު ގްރޫޕްގެ އެއްވަނައާއެކު ދެވަނަ ބުރަށް އޭނާ ވަނީ ދަތުރުކޮށްފައެވެ. ނަމަވެސް ދެވަނަ ބުރުގެ މެޗުން ބަލިވެ ރަފާ ވަނީ އެ މުބާރާތުން ވެސް ކަޓައިފައެވެ.

comment ކޮމެންޓް