ރާއްޖޭގެ ރަފާ އާއި ދީމާ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެ

އައިއޯއައިޖީގެ ޓީޓީ ޑަބަލް އިވެންޓުގައި ރަން މެޑަލް ހޯދި އައިޝަތު ރަފާ ނާޒިމާއި ދީމާ އަލީ --- ފޮޓޯ// އެމްއޯސީ

ޓޭބަލް ޓެނިހުގެ ރާއްޖޭގެ އެއްވަނަ ޕެއާ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ވޯލްޑް ޗެމްޕިއަންޝިޕްގެ ފައިނަލްސްއަށް ކޮލިފައިވެއްޖެއެވެ.

އަންނަ މަހުގެ 20 އިން 28 އަށް ވޯލްޑް ޗެމްޕިއަންޝިޕް އޮންނާނީ ސައުތު އެފްރިކާގެ ޑާބަންގައެވެ. އެ މުބާރާތަކީ އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް)ގެ އެންމެ ބޮޑު މުބާރާތެވެ.

އެ މުބާރާތަށް މުޅި އޭޝިއާއިން ވެސް ކޮލިފައިވީ އެންމެ ދެ ޕެއާއެވެ. އެއީ ރާއްޖޭގެ ރަފާއި ދީމާގެ އިތުރުން އިންޑިއާގެ ޕެއާއެކެވެ.

ރަފާއާއި ދީމާއަކީ ރާއްޖޭގެ ޓޭބަލް ޓެނިހުގައި ފިޔަ ޖަހަމުންއަންނަ ޕެއާއެކެވެ. ދީމާއާއި ރަފާގެ ޕެއާ އިން ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދައި ގައުމު ފަހުރުވެރި ކޮށްދީފައެވެ.

މީގެއިތުރުން ރަފާއަކީ މިއަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން އެތުލީޓެވެ.

ދީމާ ވަނީ އޯލް ތައިލެންޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލަކާއި ތިން ލޯ މެޑަލް ހޯދައިފައެވެ.

ދީމާ ރަން މެޑަލް ހޯދީ 19 އަހަރުން ދަށުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. ދީމާ ވަނީ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި 15 އަހަރުން ދަށުގެ އަންހެން ސިންގަލްސް އާއި ޑަބަލްސް އިވެންޓުން ސެމީ ފައިނަލުގައި ކުޅެ ލޯ މެޑަލް ހޯދައިފައެވެ.

މީގެ އިތުރުން 60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ދީމާ ވަނީ ހޯދައިފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ދީމާ ވަނީ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ވެސް ކޮލިފައިވެފައެވެ.

comment ކޮމެންޓް