ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގައުމީ ޓީޓީ މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައި، ރާއްޖޭގައި ހުރި ޓީޓީގެ އެންމެ އަލިގަދަ ތަރި، ފާތިމަތު ދީމާ އަލީ، މުބާރާތުގެ ތަށި މިލްކުކޮށް، ބޮޑު ޝަރަފެއް ހޯދައިފިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އުމުރުން 15 އަހަރު ފުރުނު ދީމާ، ގައުމީ މުބާރާތުގެ މި ބައިގެ ޗެމްޕިއަންކަން އެންމެފުރަތަމަ ހޯދީ އުމުރުން އެންމެ 11 އަހަރުގައެވެ. 2019 ވަނަ އަހަރުގެ މުބާރާތް ކުޅުނުއިރު އޭނާއަށް އަދި 12 އަހަރު ނުފުރެއެވެ. އެ ފަހަރުގެ ފައިނަލުގައި ދީމާއާ ދެކޮޅަށް ކުޅުނީ ޓީޓީގައި އޭނާއާ އެންމެ ވާދަވެރި، އައިޝަތު ރަފާ ނާޒިމްއެވެ. މިއާއެކު މި ދެ ކުޅުންތެރިން ވެފައި ވަނީ ގައުމީ މުބާރާތުގެ ސީނިއާ ބައިގެ ފައިނަލްގައި ކުޅުނު އެންމެ ހަގު ދެ ކުޅުންތެރިންނަށެވެ. ރަފާގެ މައްޗަށް ހޯދި މޮޅާއެކު މުބާރާތް ކާމިޔާބުކުރި ދީމާ ވެފައިވަނީ މުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.
ޖެހިގެން އައި 2020 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނީ ހަމަ މި ދެ ކުޅުންތެރިންނެވެ. އެ މެޗު ވެސް ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުފާލީ ހަމަ ދީމާއެވެ. އެއަށްފަހު 2021 ވަނަ އަހަރު، ކޮވިޑުގެ ސަބަބުން މުބާރާތް ނުބާއްވާއިރު، އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އަލުން މި އަހަރުގެ މުބާރާތް ބޭއްވިއިރު، މި ފަހަރުގެ ފައިނަލުގައި ރަފާގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ތަށި ދީމާ މިލްކުކުރިއިރު، ދީމާއަކީ މުބާރާތުގެ ތާރީޚުގައި ވެސް މި ތަށި މިލްކުކުރި އެންމެ ހަގު ކުޅުންތެރިޔާއެވެ. މިއީ ދީމާގެ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ބޮޑު ކާމިޔާބީއެއް އަދި ޝަރަފެކެވެ.
ރާއްޖޭގެ ޓީޓީގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އެންމެ ވާދަވެރި ދެ ކުޅުންތެރިން ކަމުގައިވާ، ގައުމީ ޓީމުގައި ޑަބަލްސް ޕެއާއެއް ގޮތުގައި ކުޅޭ ދީމާއާއި ރަފާ ވަނީ، މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ސިންގަލްސް ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ ފަހަރުގެ ކުރިމަތިލުމުން ވެސް ކުރިހޯދީ ދީމާއެވެ. އެ މުބާރާތުގެ ވިމެންސް، ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ މި ދެ ކުޅުންތެރިންގެ ޕެއާއެވެ.
މާލޭ ޓޭބަލް ޓެނިސް ހޯލުގައި ކުރިއަށްދިޔަ ގައުމީ ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ދީމާ ހޯދިއިރު، މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދީ، މުހައްމަދު ޝައްފާން އިސްމާއީލްއެވެ. މިއީ ޝައްފާން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
މި ބައިގެ ޗެމްޕިއަންކަން ޝައްފާން ހޯދީ ފައިނަލުގައި، މުބާރާތުގެ މި ބައިގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ މުންސިފް އަހުމަދުގެ މައްޗަށް ކުރިހޯދައިގެންނެވެ. ޝައްފާންއަށް ޗެމްޕިއަންކަން ލިބުނީ، އަނިޔާގެ ސަބަބުން މުންސިފްއަށް ފައިނަލުގެ ތިންވަނަ ސެޓު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުމުންނެވެ. ކުޅުން ހުއްޓާލިއިރު ކުރީގައި އޮތީ ޝައްފާންއެވެ.