މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓޭބަލް ޓެނިސްގެ ސިންގަލް އިވެންޓުން ރަން މެޑަލް އަދި ރިހި މެޑަލް ވެސް ރާއްޖެއިން ހޯދައިފައެވެ.
މިއަދު ކުރިއަށްދިޔަ ޓީޓީ ސިންގަލްސް އިވެންޓުގެ ފައިނަލުގައި ވާދަކުރީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އާއި ދެވަނަ ކުޅުންތެރިޔާ އާއިޝަތު ރަފާ ނާޒިމެވެ. އެހެންކަމުން އެ ފައިނަލު ވެގެންދިޔައީ ރާއްޖޭގެ ފައިނަލަކަށެވެ. އެ އިވެންޓުން ރަން މެޑަލް ދީމާ ހޯދި އިރު، ރަފާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.
އަންހެނުންގެ ސިންގަލްސް ޓީޓީ ފައިނަލުގައި މިރޭ ރަފާގެ މައްޗަށް ދީމާ ކުރި ހޯދީ 4-2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 11-2 އިން ރަފާ ގެންދިޔަ އިރު، ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓު 12-14 އިން ގެންދިޔައީ ދީމާއެވެ. ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު ދީމާ ގެންދިޔައީ 9-11 އަދި 7-11 އިންނެވެ.
މެޗުގެ ފަސްވަނަ ސެޓުގައި ކުޅުން ވަރުގަދަކޮށް ރަފާ ވަނީ 11-8 އިން އެ ސެޓު ގެންގޮސް އުންމީދު އާކޮށްފައެވެ. ނަމަވެސް ދީމާ ވަނީ ފަހު ސެޓު 8-11 އިން ގެންގޮސް، ރަން މެޑަލް ކަށަވަރުކޮށްފައެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ވެސް ދީމާ ވަނީ ސިންގަލްސް އިވެންޓުގެ ރަން މެޑަލް ހޯދައިފައެވެ. އެފަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ މެޑަލް ހޯދައިދިނީ ރާއްޖޭގެ ޓީޓީ ޓީމުންނެވެ.
މި ފަހަރުގެ އައިއޯއައިޖީގައި ރަފާ އާއި ދީމާ ވަނީ ޑަބަލްސް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފައެވެ. އެހެންކަމުން މިފަހަރުގެ އައިއޯއައިޖީގައި އެންމެ ކާމިޔާބު ދެ އެތުލީޓުންގެ ތެރޭގައި އެ ދެ ކުޅުންތެރިން ހިމެނޭނެއެވެ.