ދުވާފަރު ކައުންސިލްގެ ބޮޑު ހިޔާނަތް: އޭސީސީން މައްސަލަ ބަލަން ފަށައިފި

އޭސީސީގެ ރައީސް އާދަމް ޝާމިލް --

ރ. ދުވާފަރު ކައުންސިލުން ހިންގިކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ނިންމައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ދުވާފަރު ކައުންސިލާ ގުޅޭގޮތުން ހުށަހަޅާފައި ހުރި ކޮރަޕްޝަންގެ މައްސަލަތަކެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ.

އެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ.

އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް