ރ. ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ހާމަވެއްޖެއެވެ.
އެ ރިޕޯޓުގައި ވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ.
އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަން ފާހަގަކުރެއެވެ.
ޖުމްލަ 34 މައްސަލަ، ޒަކާތު ފައިސާއަށް ވެސް ވީނުނީއެއް ނޭނގޭ!
މޮނިޓަރިން ރިޕޯޓުގައި ގާނޫނާއި ގަވާއިދުތަކާ ޚިލާފު ޖުމްލަ 34 މައްސަލަ ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ލަފާދީފައިވެއެވެ. އެގޮތުން ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.
އެ ރިޕޯޓުގައި ވާ ގޮތުން މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވެއެވެ. އަދި އެ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެންބަރު ޒުހުދާ އާދަމް ކަމަށާއި، ނަމަވެސް، ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައި ނުވާކަމަށް އެ ރިޕޯޓުގައި ވެއެވެ.
މީގެއިތުރުން، ލިޔެކިޔުންތަކުން ފާހަގަކުރެވިފައިވާ ގޮތުގައި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެންބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވެއެވެ. އަދި ޒުހުދާއާ ހަވާލުކުރި ފައިސާ ލިބެންވީ ފަރާތްތަކަށް ދިފައިވާކަން އެއްވެސް ލިޔެކިޔުމަކުން ކަށަވަރު ކުރެވެން ނެތް ކަން ރިޕޯޓުގައި ފާހަގަކުރެއެވެ.
ފައިސާ ޖަމާކުރީ ގާނޫނާ ޚިލާފަށް އަމިއްލަ އެކައުންޓްތަކަށް
ކައުންސިލްތަކަށް ބޭނުންވާ ތަކެތި ނުވަތަ ޚިދުމަތްތައް ހޯދަންވާނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ވާގޮތަށް "ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަ ދޭ ގޮތް ނުވަތަ ފޯމް" ފުރިހަމަކޮށް، ވެރިއެއްގެ ސޮއި ހޯދައިގެންކަމާއި ދައުލަތުގެ ފައިސާ ޚަރަދު ކުރަންވާނީ ޕޭމަންޓް ވައުޗާ ތައްޔާރު ކުރުމަށްފަހުގައި ކަމަށް މާލިއްޔަތު ގަވައިދުގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ނަމަވެސް ރ. ދުވާފަރު ކައުންސިލުން، ކައުންސިލަށް ބޭނުންވާ ތަކެތި ގަތުމަށް ކައުންސިލް މެންބަރުންނާއި، އތމ ކޮމެޓީގެ މެންބަރުން އަދި ކައުންސިލުގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން އެލްޖީއޭއިން ވަނީ ފާހަގަކޮށްފައެވެ.

ރ.ދުވާފަރު ކައުންސިލުގެ އިދާރާ ---
އެގޮތަށް ފައިސާ ޖަމާކޮށްފައިވަނީ ޚިދުމަތް ނުވަތަ ތަކެތި ހޯދުމުގެ ކުރިންކަމާއި، ފައިސާ ހަވާލުވާ ފަރާތަކަށް އެ ފައިސާ ލިބުނުކަމަށް ލިޔެ، ސޮއިކޮށްފައި ވާކަމަށް ވެސް މޮނިޓަރިން ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައިވާ ގޮތުން 2021 މެއި 17 އިންފެށިގެން 2022 މެއި 31 ގެ ނިޔަލަށް އަމިއްލަ އެކައުންޓަށް އެއްވެސް ލިޔެކިޔުމެއްނެތި ޖަމާކޮށްފައިވާ ފައިސާ އެންމެ ގިނަ އަދަދަކަށް ލިބިފައިވަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅަށެވެ. އޭނާއަށް ހަމައެކަނި އެކަމުން ވެސް 711،617 ރުފިޔާ ލިބިފައިވެއެވެ.
ދެން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވަނީ ކައުންސިލް މެންބަރު މުޙައްމަދު ޝާމް އަށެވެ. އޭނާއަށް 447،837 ރުފިޔާ ލިބިފައިވެއެވެ. ލިސްޓުގެ ތިންވަނައިގައި ވަނީ ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަޙްމަދެވެ. އޭނާ އަށް ލިބިފައިވަނީ 237،548 ރުފިޔާއެވެ.
އެކި މައްސަލަތަކުގައި ނެގި ފައިސާގެ އަދަދު 2 މިލިއަނުން މަތި!
ކައުންސިލުގެ މުވައްޒަފުން އަދި ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެންބަރުންނަށް ދީފައިވާ ނަގުދު ފައިސާ، އަދި ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާގެ ތަފްސީލު ރިޕޯޓުގައި ވަނީ ހިމަނާފައެވެ.
އެގޮތުން އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅަށާއި، ކައުންސިލް މެންބަރު މުޙައްމަދު ޝާމް އަށް ލިބިފައިވަނީ ޕްރޮކިއުމެންޓުގެ ތެރެއިން ލިބުނު، 711،617 ރުފިޔާ އާއި 447،837 ރުފިޔާއެވެ.
މީގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަޙްމަދަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ ފައިސާ އާއެކު، ޖުމްލަ ފައިސާގެ އަދަދު 252،048 ރުފިޔާ އަށް އަރައެވެ.
ކައުންސިލް މެންބަރު ޒުހުދާ އާދަމް އަށް 181،666 ރުފިޔާ، ސެކެޓްރީ ޖެނެރަލް މުޙައްމަދު ނާސިހް އަށް 165،200 ރުފިޔާ، ކައުންސިލް މެންބަރު އަޙްމަދު ސަމޫހް އަށް 128،696 ރުފިޔާ ވަނީ ލިބިފައެވެ. އަދި ކައުންސިލް މެންބަރު އައިމިނަތް ސަލާހް އަށް 119،535 ރުފިޔާ ލިބިފައިވެއެވެ.
މީގެ އިތުރުން ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއި، ކޮންޓްރެކްޓް މުވައްޒަފަކާއި، އިތުރު ކައުންސިލް މެންބަރެއް އަދި ސަޕޯޓް ސްޓާފަކަށް ވަނީ ފައިސާ ލިބިފައެވެ.
މޮނިޓަރިން ރިޕޯޓުގައި ބުނީ ފައިސާ ޚަރަދުކުރަން ހަވާލުކޮށްފައިވަނީ މާލިއްޔަތު ގަވައިދާ ޚިލާފަށްކަމާށާއި، ބިލްތައް ހުށަހަޅާފައި ނެތްކަމަށާއި، ހުށަހަޅާފައިވާ ބިލްތައް އެއްވެސް ވަރަކަށް ރިކޮންސައިލް ކޮށްފައި ނުވާކަމަށެވެ.