އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތް އަވަސްކުރުމަށް، ދިވެހި އަޑު ލިޔުމަށް ބަދަލުކޮށްދޭ އެޕްލިކޭޝަން އެއް ލޯންޗުކޮށްފިއެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި "ކާތިބު"ގެ ނަމުގައި އެ އެޕްލިކޭޝަން އިފުތިތާހުކުރީ، މި މަހު 18ވަނަ ދުވަހު، މިކަމަށްޓަަކައި އޭސީސީގައި ބޭއްްވުނު ޙާއްސަ ރަސްމިއްޔާތެއްގައެވެ.
އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވީ، އޭސީސީގެ ރިޓަޔާޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން ޢަބްދުލްޢަޒީޒު މޫސާއެވެ.
އޭސީސީ އިން ބުނީ ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރުމުން ތަޙުޤީޤުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތު ކުޑަކުރެވޭނެ ކަމަށެވެ.
މިގޮތުން، މި އެޕްލިކޭޝަނުގެ ސަބަބުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުންއަކުރަށް ލިޔުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަންޖެހޭ ވަގުތު ވެސް ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް އޭސީސީ އިން ބުންޏެވެ.
މި އެޕްލިކޭޝަނަކީ އެ ކޮމިޝަނުން ކުރިޔަށްގެންދާ ތަހުޤީޤުތަކާ ގުޅުންހުރި ބަޔާންތަކާއި، ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަނެކެވެ.
މީގެއިތުރުން، މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި، ދިވެހިބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި، ތަރުތީބުކޮށް ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވާ އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި ހަތަރު ވަރަކަށް މަހު ކޮމިޝަނުގައި ބޭނުންކުރި ކަމަށް އޭސީސީއިން ބުންޏެވެ.
"ކާތިބު" އެޕްލިކޭޝަނަކީ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒުކޮށް އޮޓޮމޭޓުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫޢުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތެވެ.
ދިވެހި އަޑު ދިވެހި އަކުރަށް ބަދަލުކުރެވޭ، "ކާތިބު" އެޕްލިކޭޝަން އުފެއްދި ދިވެހި ޑިވެލޮޕަރުންގެ ކުންފުނި، ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑުން މަޢުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓު ޓެކްސްޓް" ގެ އިތުރުން މި އެޕްލިކޭޝަނުން ޔައުމިއްޔާއާއި ބަޔާން ޚުލާޞާކުރުންފަދަ އިތުރު ފީޗާތައް ވަރަށް އަވަހަށް އިތުރުކުރެވޭނެއެވެ.