ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ފަޒްލޫން ބިން މުޙައްމަދު ހައްޔަރު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.
ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުއެވެ. އެއަށްފަހު ޝަރުތުތަކެއް ކުރުމަށްފަހު ފަޒްލޫން ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.
ފަޒްލޫން ދޫކޮށްލުމުގެ ކުރިން އޭނާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓުގެ ތިން އަމުރެއް ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހަޅާފައެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމާފައިވަނީ ފަޒްލޫން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި އިންނެވީ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ފަޒްލޫންގެ މައްޗަށް ތުހުމަތުކުރާ ކުށް އޭނާ ކުރިކަން ސާބިތު ކުރުމަށް ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓާއި ވީޑިއޯގެ އިތުރުން ފުލުހުންގެ ބަޔާންތަކެއް ވެސް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ފަޒްލޫންގެ ފަރާތުން ނުކުތާތަކެއް ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުގެ ނިންމުން ބަދަލު ކުރަންޖެހޭ ތަނެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ފަޒްލޫން ދޫކޮށްލާފައިވާއިރު ދައުލަތުން ވަނީ އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ފަޒްލޫން ބަންދުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ނިންމި ނަމަވެސް އޭނާ މިހާރު ހުރީ މިނިވަން ކޮށްފައެވެ.
ޝައިޚް ފަޒްލޫން ދޫކޮށްލާފައިވާއިރު އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް އާއި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ބަންދުން ދޫކޮށްލާފައެވެ.
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ.
ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.