އިސްލާމީ ޝަރީއަތް ތަންފީޒު ކުރާ ވެރިކަމެއް ދިވެހީން އަދި ދެކޭނެ: އުމަރު

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު -- ސަން ފައިލް ފޮޓޯ/ އަހްމަދު އައިމަން އަލީ

މީހުން މެރުމާއި މާރާމާރީ އާއި ވައްކަމާއި ފޭރުން އިންތިހާ އަށް އިތުރުވެ، މުޖުތައުމު ނާމާން ވެއްޓަކަށް ބަދަލުވެފައި މިވަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރެވޭތީ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އުމަރު މިހެން ވިދާޅުވީ ހ. ޝީރީންވިލާގައި ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު، ރޭ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި ހާދިސާގެ ކަންބޮޑުވުން ފާޅު ކުރައްވައެވެ.

އުމަރު ވިދާޅުވީ އެއްވެސް ޖެހިލުމެއް ނެތި މީހުން މެރުމާއި މަސްތުވާތަކެތި، އެތެރެކޮށްގެން އޭގެ ވިޔަފާރި ކުރުމާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ، ފާހިޝް ޢަމަލުތައް މުޖުތަމައު ތެރޭގައި ޢާއްމު ވެފައި މިވަނީ އިސްލާމްދީނުގެ ހަމަތަކާއި ރިވެތި އުސޫލުތަކާ ޚިލާފަށް ކަންކަން ކުރަމުން އަންނާތީ ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ޢުމަރު ވިދާޅުވީ މީހުން މެރުން ފަދަ ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ޓަކައި އިސްލާމީ ޝަރީއަތުގައި ހިފަން ކެރޭ ވެރިކަމެއް، ދިވެހި ރައްޔިތުން އަދި ދެކޭނެ ކަމަށެވެ.

"އެދުވަހަކުން މީހުން މެރުމާ، ޑްރަގާ، ވައްކަމާ، ފޭރުމާ، ރޭޕް ފަދަ ކުށްތައް މުޅިން ހެން ހުއްޓިގެން ގޮސް، އަމާން އުފާވެރި ގައުމެއް އަޅުގަނޑުމެން ދިވެހިން ދެކޭނެ. އެދުވަސް އޮތީ މާ ދުރަކު ނޫން. އިންޝާﷲ،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމުގެ މާނައަކީ ހަމައެކަނި މީހުންގެ އަތްފައި ކެނޑުން ނޫން ކަމަށާއި ދަރިން ތަރުބިއްޔަތު ކުރުމާއި މަދުރަސީ މާހައުލާއި އިސްލާމީ އަޚްލާގިއްޔާތުގެ މައްޗަށް އިސްލާމީ ޝަރީއަތް ގުޅިފައިވާ ކަމަށެވެ.

"އިސްލާމީ ޝަރިއަތާ އެއްގޮތަށް ގާނޫނުތައް ބައްޓަން ކުރެވެން ޖެހޭ. މިކަން ކުރަން ޖެހެނީ އެއްވެސް ޖެހިލުމެއް ނެތި މީހުން މެރުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށް ޓަކައި،" އުމަރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ވެސް ދޭންވީ އިސްލާމީ ޝަރީއަތުގައިވާ އަދަބުކަން ފާހަގަ ކުރައްވަމުން އުމަރު ވިދާޅުވީ އެހެންނޫންނަމަ ރާއްޖެއިން ދުވަހަކު ވެސް އެ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.

އުމަރަކީ އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިޞާސް ހިފުމަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ގޮވާލެއްވި ބޭފުޅެކެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާ އެކަން ކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ގެޒެޓް ކުރިއެވެ. އެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރުމާ ގުޅިގެން އުމަރު ވިދާޅުވީ އެދުވަހަށް ފަހު، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒް ކުރާނެ ކަމަށެވެ. އެގޮތުން ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވަކި ތަނެއް ވެސް މާފުށި ޖަލުގައި ހެދުމުގެ މަސައްކަތް ކުރެއްވިއެވެ.

comment ކޮމެންޓް