އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މަޖިލީޙުގެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

ރައްޔިތުން މަޖިލިސް -- ސަން ފޮޓޯ

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލިސް އިދާރާގެ މުވައްޒަފަކު މަގާމުން ސަސްޕެންޑުކޮށްފިއެވެ.

މަޖިލިސް އިދާރާގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އެ އިދާރާގެ މުވައްޒަފަކު މިހާރު ވަނީ އޭނާގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު ގިނަ ބަޔަކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯތަކެއް ފަހަކަށް އައިސް އާންމުވަމުން އަންނައިރު، މަޖިލީހުގެ މުވައްޒަފު ސަސްޕެންޑުކުރީ އެކަމާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ.

ނަމަވެސް އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން އެ މައްސަލާގައި ތުހުމަތުކުރެވޭ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު ވަނީ ހައްޔަރުކޮށްފައެވެ.

އަލްގީރުއާއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ޓީޗަރުންތަކެއްވެސް ސަސްޕެންޑުކޮށްފައިވާކަމަށް އެޑިއުކޭޝަނުން އިއްޔެ ވަނީ ބުނެފައެވެ.

މީގެ އިތުރުން ހަމަ އެ މައްސަލައިގެ ތުހުމަތަށް ހޯމް މިނިސްޓްރީގެ މުވައްޒަފަކުވެސް ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ކަމަށް "ސަން"އަށް ވަނީ އެނިފައެވެ.

comment ކޮމެންޓް