"ވަން ޗައިނާ" ސިޔާސަތަށް ރާއްޖެއިން ތާއިދު ކުރާތީ ޗައިނާއިން އެކަމުގެ އަގުވަޒަންކުރާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވެއްޖެއެވެ.
ސަފީރު ވިދާޅުވީ ޗައިނާއާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއް ގައުމުން އަނެއް ގައުމަށް އަބަދުވެސް އެއްބާރުލުންދޭ ކަމަށާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޗައިނާ ސަފީރު އެހެން ވިދާޅުވީ، "ވަން ޗައިނާ" ސިޔާސަތަށް ރާއްޖެއިން ތާއީދު ކުރާނެ ކަމަށާއި އެކަމުގެ ޔަގީންކަން ޗައިނާއަށް އަރުވާކަމަށް ފޮރިން މިނިސްޓްރީން ހާމަ ކުރުމާ ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން އެކަން ހާމަކުރީ އެމެރިކާގެ ކޮންގްރެސްގެ ރައީސް ނޭންސީ ޕެލޯސީ މިދިޔަ ހަފުތާގައި ޓައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ.
ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ޗައިނާއާއި އެމެރިކާއާ ދެމެދުގައި ވަނީ ނުތަވަސްކަމެއް އުފެދިފައެވެ.
ޓައިވާނަކީ 1949 ވަނަ އަހަރު ޗައިނާއަށް ގެނައި ކޮމިއުނިސްޓް އިންގިލާބާ ގުޅިގެން އޭރު ޗައިނާގެ ޒައާމަތުގައި ތިއްބެވި ވެރިން ފިއްލަވައިގެން ވަޑައިގެންނެވި ޗައިނާގެ ޖަޒީރާއެކެވެ. އޭރު ޓައިވާންގައި ވަކި ވެރިކަމެއް އުފެއްދީ އެމެރިކާގެ އެހީގައެވެ.
ޓައިވާނުގައި ވަކި ވެރިކަމެއް އޮތް ނަމަވެސް ޗައިނާއިން ދެކެނީ ގަދަ ބާރު ބޭނުންކޮށްގެން ވެސް އެގައުމުގެ ބާރުގެ ދަށަށް ޓައިވާން ގެންދަން ޖެހޭ ކަމަށެވެ.
ޓައިވާނަކީ ޗައިނާއާ ވަކި ނުކުރެވޭނެ، އެ ގައުމުގެ ބައެއް ކަމަށާއި، އެކަން ވަނީ 1971 ވަނަ އަހަރު އދގެ އާންމު މަޖިލީހުގެ ގަރާރަކުން ބަލައިގަނެފައި ކަމަށް ޗައިނާއިން ދާދި ފަހުން ވަނީ ބުނެފައެވެ. އަދި "ވަން-ޗައިނާ"ގެ އަސާސީ އުސޫލުގެ ދަށުން ދުނިޔޭގެ 181 ގައުމަކުން ޗައިނާއާ އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފަައިވާކަން ވެސް އެ ގައުމުން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ޗައިނާއިން ބުނީ، ޓައިވާން މައްސަލައަކީ ޗައިނާގެ ދާޚިލީ މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި ގޮތް ނިންމުމުގެ ބާރު އެހެން އެއްވެސް ގައުމަކަށް ލިބިގެން ނުވާ ކަމަށެވެ.