ކޮމަންވެލްތު ގޭމްސް: ދެވަނަ ބުރުން މޮޅުވެ އަޖުފާން ގަދަ 16އަށް

ކޮމަންވެލްތު ގޭމްސްގައި އަޖުފާން ރަޝީދު--- ފޮޓޯ/ އެމްއޯސީ

ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން ފިރިހެން ސިންގަލްސްގެ ގަދަ 16އަށް ރާއްޖޭގެ އަޖުފާނު ރަޝީދު ދަތުރުކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރުކުރިއަށްދާ އެ މުބާރާތުގެ ގަދަ 16 އަށް އަޖުފާން ދަތުރުކުރީ ދެވަނަ ބުރުގެ މެޗު ކާމިޔާބުކޮށްގެންނެވެ.

އެ މެޗު އަޖުފާން ކާމިޔާބުކުރީ ގާނާގެ އަހުމަދު އަބްދުއްސަމަދާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-16 ގެ ނަތީޖާއަކުން އަޖުފާން ކާމިޔާބުކުރިއިރު ދެވަނަ ސެޓު އޭނާ ގެންދިޔައީ 21-14ގެ ނަތީޖާއަކުންނެވެ.

ފިރިހެން ސިންގަލްގެ ގަދަ 16ގެ މެޗުތައް މާދަމާ ފަށާއިރު އަޖުފާންގެ މެޗު ފަށަން ހަމަޖެހިފައިވަނީ މާދަމާ ރާއްޖެގަޑިން 15:00ގައެވެ. އެ މެޗުގައި އަޖުފާންއާ ދެކޮޅަށް ކުޅޭނެ ކުޅުންތެރިއެއް ކަށަވަރުވަނީ މިއަދު ދެވަނަ ބުރުގެ މެޗުތައް ނިމުމުންނެވެ.

ދެވަނަ ބުރަށް އަޖުފާންއާއެކު ރާއްޖޭގެ ނިބާލް އަހުމަދު ވެސް ވަނީ ގޮސްފައެވެ. އެ ބުރުން މޮޅުވެ ނިބާލްއަށް ވެސް ގަދަ 16 އަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ދެވަނަ ބުރުގެ މެޗަށް މިރޭ ރާއްޖެ ގަޑިން 21:00 ގައި ނިބާލް ނިކުންނާނީ ސިއެރާ ލިއޯންގެ އިބްރާހީމް އިޒާގޯ އާ ދެކޮޅަށެވެ.

comment ކޮމެންޓް