ކޮމަންވެލްތު ގޭމްސް: ނިބާލް ބެޑްމިންޓަން ފިރިހެން ސިންގަލްސްގެ ދެވަނަ ބުރަށް

ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ނިބާލް އަހުމަދު--- ފޮޓޯ/ އެމްއޯސީ

ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަންބައިގެ ދެވަނަބުރަށް ރާއްޖޭގެ ނިބާލް އަހުމަދު ދަތުރުކޮށްފިއެވެ.

އިނގިރޭސި ވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ ބެޑްމިންޓަން ފިރިހެން ސިންގަލްސްގައި ވާދަކޮށް ނިބާލް ދެވަނަ ބުރަށް ދަތުރުކުރީ ފުރަތަމަ ބުރުގެ މެޗު ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ބުރުގައި ނިބާލް ވާދަކުރަންޖެހުނީ ފޯކްލޭންޑުގެ ޑަގްލަސް ކްލާކްއާއެވެ. އެ މެޗު ނިބާލް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-10 ގެ ނަތީޖާއަކުން ނިމުނުއިރު ދެވަނަ ސެޓު ނިބާލް ކާމިޔާބުކުރީ 21-11 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ބުރުގައި ނިބާލް ކުޅެންހަމަޖެހިފައިވަނީ ސިއެރަ ލިއޯންގެ އިބްރާހީމް އިޒާގޯ ކޮންޓޭއާ ދެކޮޅަށެވެ.

ބެންޑްމިންޓަންގެ ފިރިހެން ސިންގަލްސްގައި ނިބާލްއާއެކު ރާއްޖޭގެ ދެ ކުޅުންތެރިއަކު ވަނީ ވާދަކޮށްފައެވެ. އެއީ ޒަޔާން ޒަކީއާއި އަޖުފާން ރަޝީދެވެ.

ފުރަތަމަ ބުރުގައި ޒަޔާން ޒަމްބިއާގެ ކަލޮމްބޯ މުލެންގާއާ ދެކޮޅަށް ކުޅެ ދެ ސެޓުން ބަލިވެ އޭނާ ވަނީ މުބާރާތުން ކަޓާފައެވެ.

ނަމަވެސް ފުރަތަމަ ބުރުން މޮޅުވެ އަޖުފާން ވަނީ ދެ ވަނަ ބުރުގައި ކުޅެފައެވެ. އެބުރުގަައި އޭނާ ކުޅެފައިވަނީ ގާނާގެ އަހުމަދު އަބްދުއްސަމަދާ ދެކޮޅަށެވެ. އެ މެޗު ދެ ސެޓުން އަހުމަދު ބަލިކޮށް އަޖުފާން ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ.

comment ކޮމެންޓް