އިންޑިއާގެ މުމްބާއީގައި ބޭއްވި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ.
އެ ބިޒްނަސް ފޯރަމްގައި ރައީސްގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖޭގެ ވިޔަފާރިވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި) އިންތިޒާމުކުރި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ބޭނުމަކީ ދެ ގައުމުގެ އިސް ވިޔަފާރިވެރިން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ދެ ޤައުމުގެ ދެމެދު ވިޔަފާރިއާ އިޤްތިޞާދީ ގުޅުންތައް ކުރިއަރުވާ އިތުރުކުރުމެވެ.
މުމްބާއީގައި ބޭއްވި އެ ބިޒްނަސް ފޯރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ނިއުދިއްލީގައި ބޭއްވި އެ ފޯރަމްގައި އެމަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.
ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މުމްބާއީއަށް ވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
އެމަނިކުފާނު މުމްބާއީއަށް ވަޑައިގަތުމުން މަހަރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ ވަނީ މަރުޚަބާ ދައްނަވައި މެންދުރުގެ ފަރިއްކޮޅެއްވެސް ދެއްވާފައެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ މަސްލަޙަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސް ޞާލިޙު މުމްބާއީއަށް ވަޑައިގެންނެވީ އެންމެ ފުރަތަމަ ނިއުދިއްލީއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއެކު މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ކުރެއްވުމަށްފަހުގައެވެ.
ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ އެދަތުރުފުޅަކީ މޯދީގެ ދައުވަތުފުޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
އެގޮތުން ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ވަނީ މޯދީއާއި އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމު އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައެވެ.
އިއްޔެ ނިއުދިއްލީގެ ހައިދްރަބާދު ހައުސްގައި ތިލަމާލޭ ބްރިޖުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ތިލަމާލޭ ބްރިޖުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ރައީސް ޞާލިހާއި މޯދީއެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެއާ އިންޑިއާއާ ދެމެދު ހަ އެމްޔޫއެއްގައި ސޮއިވެސްކޮށްފައިވެއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޞާލިހާއި މޯދީ ދެއްވި ޖޮއިންޓް ސްޓޭޓްމެންޓެއްގައި އެ ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، ކުރިން އޮތް ގުޅުން ދަމަހައްޓައި ބޭނުންވާ ކޮންމެ އިރެއްގައިވެސް އެހީތެރިކަންދޭނެ ކަމުގެ ޔަގީންކަން އެ ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
އިންޑިއާ އަށް ރައީސް ކުރައްވާ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޞާލިޙު އިންޑިއާއަށް ކުރައްވާ ރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިއަދުއެވެ.