ވޮޝިންޓަން (3 އޮގަސްޓް 2022): ގަލްފުގެ އަރަބި ދެގައުމު ކަމަށްވާ ސައޫދީ އަރަބިއާއާއި ޔޫއޭއީ އަށް 5.3 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ފުރުސަތެއް އެމެރިކާއަށް ލިބިއްޖެއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) ބުނީ މިސައިލް އައްޑަނައިގެ ނިޒާމާއި އެނޫން ބައެއް ހަތިޔާރު ގަތުމަށް ސައޫދީއާއި ޔޫއޭއީ ން ހުށަހަޅާފައިވާކަމަށާ އެހުށަހެޅުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ރުހުން ލިބިފައިވާ ކަމުގައެވެ. ނަމަވެސް މިކަމަށް ކޮންގްރެސްގެ ރުހުން ބޭނުންވާނެއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން އެމެރިކާގެ އިގްތިސާދު އަޑިއަޅާލާފައިވާ މިދަނޑިވަޅުގައި މި ކަމަށް ވަރަށް ފަސޭހައިން ކޮންގްރެސްއިން ރުހުންދޭނެކަމަށް ވަނީ ބެލެވިފައެވެ. 5.3 ބިލިޔަން ޑޮލަރުގެ މިހަތިޔާރު ސައޫދީ އަށާއި ޔޫއޭއީ އަށް ވިއްކާގޮތަށް ހަމަޖެހިފައިވަނީ ވަކިންނެވެ. ވަކި ދެ އެއްބަސްވުމުގެ ދަށުން ހަދާ ދެޑީލުގެ ދަށުންނެވެ.
ސައޫދީން ގަންނަން އެދިފައިވަނީ އެމެރިކާގައި އުފައްދާ މިސައިލް އައްޑަނައިގެ ނިޒާމެއްކަމަށްވާ ޕެޓްރިއޮޓް ނިޒާމެވެ. ޔޫއޭއީ ން އެދިފައިވަނީ އެމެރިކާގައި އުފައްދާ މިސައިލް އައްޑަނައިގެ އެހެން ނިޒާމެއްކަމަށްވާ "ތާޑް" އެވެ. "ތާޑް" އަކީ "ޓާމިނަލް ހައި އޮލްޓިޓިއުޑް އޭރިޔާ ޑިފެންސް" ނިޒާމެވެ. މިއީ އެމެރިކާ މިހާތަނަށް އުފައްދާފައިވާ އެންމެ ފެންވަރު ރަނގަނޅު މިސައިލް އައްޑަނައިގެ ނިޒާމެވެ.

ޕެޓްރިއޮޓް މަރުކާގެ މިސައިލް އައްޑަނައިގެ ނިޒާމެއް
މި ދެނިޒާމުގެ އިތުރުން ސައޫދީއާއި ޔޫއޭއީވަނީ އެދެގައުމުގައިވާ އެމެރިކާގެ ބައެއް ހަތިޔާރުތަކުގެ ސްޕެއާޕާޓްސް ގަތުމަށްވެސް އެދިފައެވެ. އެހެންކަމުން ސައޫދީ އާއި ޔޫއޭއީ އާއެކު އެމެރިކާ ވަކިވަކިން ހަދާ ހަތިޔާރުގެ މި ޑީލުތަކުގައި މިސައިލް އައްޑަނައިގެ ދެނިޒާމުގެ އިތުރުން ގިނަ އަދަދެއްގެ ސްޕެއާޕާޓްސް ވެސް ހިމެނޭކަން އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިންވަނީ ހާމަކޮށްފައެވެ.
މިދެ ޑީލުގެ ދަށުން ޕެޓްރިއޮޓް މަރުކާގެ 300 މިސައިލް ސައޫދީ އަށް ވިއްކާއިރު "ތާޑް" މަރުކާގެ 96 މިސައިލް ޔޫއޭއީ އަށް ވިއްކާނެއެވެ. މީގެ އިތުރުން މިދެ ނިޒާމު ބޭނުންކުރުމުގެ ފަންނީ ތަމްރީން ސައޫދީ ސިފައިންނަށާއި ޔޫއޭއީ ގެ ސިފައިންނަށް ދިނުންވެސް މިޑީލްތަކުގައި ހިމެނެއެވެ. ޔޫޢޭއީ ދާދިފަހުންވަނީ އެމެރިކާ އުފައްދާ އެންމެ ފެންވަރު ރަނގަނޅު ފައިޓާޖެޓް ކަމަށްވާ އެފް-35 މަރުކާގެ ޖެޓް ގަތުމަށް ދެކޮޅު ހަދައި އޭގެ ބަދަލުގައި ޗައިނާއިން ގިނަ އަދަދެއްގެ ފައިޓާޖެޓް ގަތުމަށް ނިންމާފައެވެ. މިމައްސަލާގައި އެމެރިކާވަނީ ހިތްހަމަނުޖެހިފައެވެ.