ސައުދީ އަރަބިއްޔާ އާއި ގަތަރު ހައިސްޕީޑް ރޭލްވޭއަކުން ގުޅާލުމުގެ މަޝްރޫއެއް ފެށުމަށް ދެ ގައުމުން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސައުދީގެ ރަސްމީ މީޑިއާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި "ހައިސްޕީޑް އިލެކްޓްރިކް ޕެސެންޖާ ރެއިލްވޭ" އިން ރިޔާޒުގެ ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓާއި ދޯހާގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާ ގުޅާދޭނެއެވެ.
ސައުދީ ސިޓީއެއް ކަމަށްވާ އަލްހުފޫފާއި ދަމާމް ވެސް މި ނެޓްވޯކުގައި ހިމެނޭނެ ކަމަށް ބެލެވެއެވެ.
މި ރޭލު ގަޑިއަކު 300 ކިލޯމީޓަރު (186 މޭލު) އަށް ވުރެ ބާރުމިނުގައި ދުވާނެ ކަމަށާއި ރިޔާޟް އާއި ދޯހާއާ ދެމެދު ދެ ގަޑިއިރުން ދަތުރު ފުރިހަމަވާނެ ކަމަށް ވަނީ ބުނެފައެވެ.
މަތިންދާބޯޓުގައި ވެސް މި ދެ ސިޓީގެ ދެމެދުގައި 90 ވަރަކަށް މިނެޓް ހޭދަވެއެވެ.
ހަ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ދަށުން އަހަރަކު 10 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމާއި ދެ ގައުމުގައި ވެސް 30،000 ވަޒީފާ އުފެދިގެންދާނެ ކަމަށް ބަޔާނުގައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީ އެވެ.
ގަތަރުގެ އަމީރު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވަން ސައުދީއަށް ވަޑައިގެންފައެވެ.
ސައުދީ އަރަބިއްޔާ އާއި ގަތަރާ ދެމެދު ޒަމާނީ އިންފްރާސްޓްރަކްޗާގެ އެންމެ މުހިންމު އެއް މަސައްކަތުގެ ގޮތުގައި ބެލެވޭ މި މަޝްރޫއަކީ ފާއިތުވި އަހަރުތަކުގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވި ފަހުން ފަށާ މުހިންމު މަޝްރޫއެކެވެ.
ސައުދީ އަރަބިއްޔާ އާއި އެގައުމުގެ އެކުވެރި ގައުމުތައް ކަމަށްވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މިސްރުން ވަނީ ގަތަރާ އެކު ޑިޕްލޮމެޓިކް އަދި ދަތުރުފަތުރުގެ ހުރިހާ ގުޅުމެއް 2017 ވަނަ އަހަރުގެ ޖޫން މަހު ކަނޑާލާފައެވެ.
އެ ގައުމުތަކުން ބުނާ ގޮތުގައި ގަތަރުން މުސްލިމް ބްރަދަހުޑް ފަދަ ޖަމާއަތްތަކަށް ތާއީދުކޮށް ސައުދީ އަރަބިއްޔާގެ ވާދަވެރި އީރާނާ ގާތް ގުޅުމެއް ބާއްވަން މަސައްކަތްކުރެއެވެ. ނަމަވެސް ޖެނުއަރީ 2021 ގައި ސައޫދީގައި ބޭއްވި ސަމިޓަކަށް ފަހު އަލުން ވަނީ ސިޔާސީ ގުޅުން އިޔާދަކޮށްފައެވެ.