ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުން މުމްބާއީއަށް ވަޑައިގެންނެވުމުން މަރުޚަބާ ދަންނަވައި، މަހާރަޝްތުރާގެ ގަވަރުނަރު ޝްރީ ބަގަތު ސިންގް ކޮޝަޔާރީ މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދެއްވައިފިއެވެ.
ރައީސް ޞާލިޙު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުމްބާއީއަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ރައީސް އާއި ރައީސްގެ އަރިހުގައި ވަޑައިގެންނެވި ބޭފުޅުންނަށް މުމްބާއީގެ ރާޖް ބަވަންގައި ބޭއްވި އެ ފަރިއްކޮޅުގައި ރައީސް އާއި މަހާރާޝްތްރާގެ ގަވަރުނަރު ވަނީ ދެޤައުމުގެ މަސްލަޙަތު އޮތް މުހިންމު މައުޟޫޢުތަކުގައި ވާހަކަފުޅު ދައްކަވާފައެވެ.
ހަމައެއާއެކު، އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ރައީސް ޞާލިޙު މުމްބާއީއަށް ވަޑައިގެންނެވީ އެންމެ ފުރަތަމަ ނިއުދިއްލީއަށް ވަޑައިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ސަރުކާރާއެކު މަތީ ފެންވަރުގެ ރަސްމީ މަޝްވަރާތައް ކުރެއްވުމަށްފަހުގައެވެ.
އެމަނިކުފާނު ވަނީ ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ އެދަތުރުފުޅަކީ މޯދީގެ ދައުވަތުފުޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
އެގޮތުން ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ވަނީ މޯދީއާއި އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމު އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައެވެ.
އިއްޔެ ނިއުދިއްލީގެ ހައިދްރަބާދު ހައުސްގައި ތިލަމާލޭ ބްރިޖުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ތިލަމާލޭ ބްރިޖުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ރައީސް ޞާލިހާއި މޯދީއެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެއާ އިންޑިއާއާ ދެމެދު ހަ އެމްޔޫއެއްގައި ސޮއިވެސްކޮށްފައިވެއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޞާލިހާއި މޯދީ ދެއްވި ޖޮއިންޓް ސްޓޭޓްމެންޓެއްގައި އެ ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، ކުރިން އޮތް ގުޅުން ދަމަހައްޓައި ބޭނުންވާ ކޮންމެ އިރެއްގައިވެސް އެހީތެރިކަންދޭނެ ކަމުގެ ޔަގީންކަން އެ ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
އިންޑިއާ އަށް ރައީސް ކުރައްވާ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޞާލިޙު އިންޑިއާއަށް ކުރައްވާ ރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގަންނަވާނީ މާދަމާއެވެ.