ޑެންގީ ޖެެހިގެން އަހަރު ނުވާ ކުއްޖަކު އައިސީޔޫގައި، ހާލު ސީރިއަސް

ރޯގާގައި ހުން އައިސް ރޯގައި ޖެހިފައިވާ މީހުންނަށް އައިޖީއެމްއެޗުން ފަރުވާ ދެނީ: --- ސަން ފައިލް ފޮޓޯ

ޑެންގީ ހުން ޖެހިގެން އަހަރުވެސް ނުވާ ކުއްޖެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ވިދާޅުވީ އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށާ ހޮޑުލާއިރު ލޭ އައުމާ ގުޅިގެން ލޭ ވެސް އަޅަން ޖެހުނު ކަމަށެވެ.

މީގެ ތިން ދުވަސް ކުރިން ވެސް ޑެންގީ ޖެހުމުގެ ސަބަބުން ދެ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދީފައިވެއެވެ. ޑރ. ފައިސަލް ވިދާޅުވީ މިހާރު އެ ދެ ކުދިންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި ދެ ކުދިން ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މި ބަލި ޖެހިގެން މިއަހަރުގެ މިހާތަނަށް އެއް ކުއްޖަކު ވަނީ މަރުވެފައެވެ. އެކަން ފާހަގަކުރައް ޑރ. ފައިސަލް ވަނީ މަދިރި އާލާވިޔަ ނުދިނުމަށާ މަދިރި ހެފިޔަ ނުދިނުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މޭ މަހު ޑެންގީގެ 185 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 73 ކޭސް ރިޕޯޓުކޮށްފައި ވަނީ އެ މަހުގެ ފަހު ހަފުތާގައެވެ. އަދި މިދިޔަ ޖޫން މަހު ޑެންގީގެ 294 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 68 ކޭސް ރިޕޯޓު ކޮށްފައިވަނީ ޖޫން މަހުގެ ފަހު ހަފުތާގައެވެ.

އެޗްޕީއޭއިން ވަނީ، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކޮށް، ފަތިސް ގަޑީގައާއި ހަވީރު އިރުއޮއްސޭ ވަގުތުގައި ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން މުހިންމު ކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

ޑެންގީ ޖެހިއްޖެ ނަމަ އަރާމު ކުރުމާއި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމާއި ޕެރެސެޓެމޯލް ބޭނުން ކުރުމަކީ ގޭގައި ދެވިދާނެ ފަރުވާތަކެވެ.

ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

comment ކޮމެންޓް