ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިންޑިއާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި މުމްބާއީއަށް މިއަދު ވަޑައިގެންފިއެވެ.
މުމްބާއީ އަކީ ރައީސް ޞާލިޙު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނެ އެންމެ ފަހުގެ މަންޒިލެވެ.
ރައީސް ޞާލުޙު މުމްބާއީއަށް ވަޑައިގެން ކުރައްވާ އެ ޒިޔާރާތުގައި މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާނެއެވެ.
ހަމައެއާއެކު، ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ރައީސް ބައްލަވާލައްވަން ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސްގެ އެ ޒިޔާރަތުގައި މުމްބާއީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާ ބިޒްނަސް ފޯރަމްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ އެދަތުރުފުޅަކީ މޯދީގެ ދައުވަތުފުޅަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
އެގޮތުން ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް ވަނީ މޯދީއާއި އެ ގައުމުގެ ރައީސް ދްރައުޕަތީ މުރްމު އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ވެސް ބައްދަލުކުރައްވާފައެވެ.
އިއްޔެ ނިއުދިއްލީގެ ހައިދްރަބާދު ހައުސްގައި ތިލަމާލޭ ބްރިޖުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި ތިލަމާލޭ ބްރިޖުގެ ބިންގާ އަޅުއްވައިދެއްވީ ވެސް ރައީސް ޞާލިހާއި މޯދީއެވެ.
އެ ރަސްމިއްޔާތުގައި ރާއްޖެއާ އިންޑިއާއާ ދެމެދު ހަ އެމްޔޫއެއްގައި ސޮއިވެސްކޮށްފައިވެއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޞާލިހާއި މޯދީ ދެއްވި ޖޮއިންޓް ސްޓޭޓްމެންޓެއްގައި އެ ދެ ބޭފުޅުންވެސް ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމައެއާއެކު، ކުރިން އޮތް ގުޅުން ދަމަހައްޓައި ބޭނުންވާ ކޮންމެ އިރެއްގައިވެސް އެހީތެރިކަންދޭނެ ކަމުގެ ޔަގީންކަން އެ ދެ ބޭފުޅުންވެސް ވަނީ ދެއްވާފައެވެ.
ރައީސް ޞާލިޙު އިންޑިއާއަށް ކުރައްވާ ރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެވަޑައިގަންނަވާނީ މާދަމާއެވެ.