ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފި

އެމެރިކާގެ ކޮންގްރެސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ---

ޗައިނާގެ ދެކޮޅުހެދުމަށް އަޅާލުމެއް ނެތި، އެމެރިކާގެ ކޮންގްރެެސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެލޯސީގެ ދަތުރުފުޅަކީ ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުމުގެ ބިންގާ ގުޑުވާލުން ފަދަ ކަމެއް ކަމަށެވެ.

"[މިކަމަކީ] ޓައިވާން ސަރަހައްދުގެ ސަލާމަތާ ހަމަޖެހުން ހީނަރުވާ ފަދަ އަމަލެއް. އަދި ޓައިވާން މިނިވަންކުރުމުގެ ނަމުގައި ވަކިވެ ގަތުމަށް މަސައްކަތް ކުރާ ހަރަކާތްތަކަށް ދެވޭ ނުބައި މެސެޖެއް،" ޗައިނާގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ ޓައިވާނަކީ ޗައިނާއާ ވަކި ނުކުރެވޭނެ، އެ ގައުމުގެ ބައެއް ކަމަށާއި، އެކަން ވަނީ 1971ވަނަ އަހަރު އދގެ އާންމު މަޖިލީހުގެ ގަރާރަކުން ބަލައިގަނެފައި ކަމަށެވެ. އަދި "ވަން-ޗައިނާ"ގެ އަސާސީ އުސޫލުގެ ދަށުން ދުނިޔޭގެ 181 ގައުމަކުން ޗައިނާއާ އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފަައިވާކަން ވެސް އެ ގައުމުން ފާހަގަ ކުރެއެވެ.

މީގެ އިތުރުން 1979ވަނަ އަހަރު އެމެރިކާއިން ޗައިނާއާ ސިޔާސީ ގުޅުން ގާއިމު ކުރުމަށް ނެރުނު ގުޅިފައިވާ ބަޔާނުގައި ވެސް އެކަން ވަރަށް ސާފުކޮށް ބަޔާން ވެފައިވާކަން ޗައިނާއިން ފާހަގަކުރެއެވެ. އެހެންކަމުން، އެމެރިކާގެ ކޮންގްރެސްގެ ރައީސްގެ ހައިސިއްޔަތުން، އެ ގައުމުގެ "ވަން-ޗައިނާ" ސިޔާސަތަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ ޕެލޯސީގެ ޒިންމާއެއް ކަމަށް ޗައިނާއިން ބުނެފައިވެއެވެ.

ޓައިވާން މައްސަލައަކީ ޗައިނާއާއި އެމެރިކާގެ ގުޅުމުގައި އޮތް އެންމެ މުހިއްމު އެއް މައްސަލަ ކަމަށް ބުނެ ޗައިނާގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ 1992 ވަނަ އަހަރުންސުރެ ވެފައިވާ އެއްބަސްވުން މުގުރާލައި، ވަކިވެގަތުމުގެ ރޫހުގައި މަސައްކަތްކުރާ ފަރާތްތަކަށް އެމެރިކާއިން އެއްބާރުލުން ދެމުން އަންނަނީ ޗައިނާ "ހިފެހެއްޓުމުގެ" ނިޔަތުގައި ކަމަށެވެ.

"އެމެރިކާގެ މަޖިލީހުގެ ރައީސްގެ ދަތުރާ ގުޅިގެން، ޗައިނާގެ މިނިވަންކަމާއި، ސަރަހައްދުގެ އިސްތިގުލާލު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެކަން ޔަގީން" ޗައިނާގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ޗައިނާއިން ބުނީ، ޓައިވާން މައްސަލައަކީ ޗައިނާގެ ދާޚިލީ މައްސަލައެއް ކަމަށާއި، އެ މައްސަލައިގައި ގޮތް ނިންމުމުގެ ބާރު އެހެން އެއްވެސް ގައުމަކަށް ލިބިގެން ނުވާ ކަމަށެވެ.

"ޗައިނާ އަދި އެމެރިކާއަކީ ބޮޑު ދެ ގައުމު. މި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބިނާވާން ޖެހޭނީ އެއްގައުމެއް އަނެއް ގައުމަކަށް ކުރާ އިހްތިރާމާއި، ސުލްހަވެރިކަމާއެކު އެކުވެ އުޅުމާއި، ދެކޮޅުވެރިވެ ނުގަތުމާއި، ދެގައުމަށް ވެސް ފައިދާ ވާނޭ ފަދަ ގުޅުމުގެ މައްޗަށް" އެ ބަޔާނުގައި ވެއެވެ.

ޗައިނާއިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، ނޭންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕެލޯސީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ފުރަތަމަ އިއުލާނު ކުރައްވާފައެއް ނުވެއެވެ.

comment ކޮމެންޓް