މަޑުއްވަރީ ޕޮލިސް ސްޓޭޝަންގެ ފުރާޅުން ބައެއް އެއްލާލައިފި

ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަންގެ ފުރާޅުން ބައެއް އެއްލާލާފައި ----

ރޭ ފަތިހު ކުރި ވިއްސާރައިގައި ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަންގެ ފުރާޅުން ބައެއް އެއްލާލައި ގެއްލުންތަކެއް ވެއްޖެއެވެ.

މަޑުއްވަރީ ކައުންސިލް މެންބަރަކު 'ސަން' އަށް ވިދާޅުވީ, އެ ރަށުގައި ފުލުހުން ތިބޭ ދެ ބުރި އިމާރާތުގެ ފުރާޅުން ބައެއް އެއްލާލި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ޕޮލިސް ސްޓޭޝަން ތެރެއަށް ފެނުގެ އަސަރު ކޮށްފައިވާއިރު ފުލުހުން ނިދާ ބައިގެ ތެރޭގައި ފެން ހެދިފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.

ރ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން: އެތަން ވަނީ ވަރަށް ބޮޑު ބާވެ ވީރާނާ ވެފައި ---

"ފުރާޅު އެއްލާލި ދިމާލުން ވާރޭ ވެހި ސީލިނގު ތެރެއިން ފެން ފައިބާ ފުލުހުން ނިދަން ތިބޭ ތަނަށް ވަނީ ވަރަށް ބޮޑަށް ފެނުގެ އަސަރު ކޮށްފަ. ކަބަޑުތަކާ އެއްޗެހި ފީވާން ފަށާފަ ހުރީ ވެސް," މަޑުއްވަރީ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ.

މަޑުއްވަރީގައި ފުލުހުން ސްޓޭޝަން ގާއިމު ކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. އޭރު ސްޓޭޝަން ގާއިމްކޮށްފައިވަނީ ކައުންސިލުން މަސް މާރުކޭޓެއް ހެދުމަށް ތައްޔާރު ކުރަމުން ދިޔަ އިމާރާތެއްގައެވެ. ޕޮލިސް ސްޓޭޝަނަކަށް އެ އިމާރާތް ބަދަލުކޮށްފައިވާއިރު އެތަން ހުރީ ވަރަށް ބޮޑަށް ބާވެފައި ކަމަށް ކައުންސިލުން ވަނީ ބުނެއެވެ. އަދި އެކަށީގެންވާ ވަރަށް މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން މިހާރު އެ އިމާރާތް ހުރީ ވަރަށް ބޮޑަށް ވީރާނާ ވެފައި ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

comment ކޮމެންޓް