މަޑުއްވަރީ އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފި

ރ. މަޑުއްވަރީ އައިސްޕްާންޓް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މިއަދު މަޑުއްވަރީގައި ބޭއްވުރު ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ މިފްކޯ

ރ.އަތޮޅު މަޑުއްވަރީ ކައުންސިލުން ހިންގަމުން އައި އެރަށުގެ އައިސް ޕަލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފިއެވެ.

ސަރުކާރުގެ ނިންމެވުމާ އެއްގޮތަށް މިފްކޯއިން ވަނީ މިއަދު މަޑުއްވަރީ އައިސް ޕްލާންޓާ ހަވާލުވެފައެވެ.

މި ކަމަށް ހާއްސަކޮށްގެން މަޑުއްވަރީ ކައުންސިލް އިދާރާގައި މިއަދު ބޭއްވި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެ ހުންނެވި އެ ކުންފުނީގެ ސީއެފްއޯ އިލްޔާސް ހަނީފެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މަޑުއްވަރީ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ހިއްސާކުރައްވަމުން މިފްކޯގެ ޕްރޮޖެކްޓްސް އެންޑް ޓެކްނިކަލް ޑިޕާޓުމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ، މިއަދުން ފެށިގެން މިފްކޯއިން މަޑުއްވަރީގެ އައިސް ޕްލާންޓާ ހަވާލުވެ މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

ރ. މަޑުއްވަރީ އައިސްޕްާންޓް މިފްކޯގެ ދަށަށް ބަދަލުކުރުމަށް މިއަދު މަޑުއްވަރީގައި ބޭއްވުރު ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ މިފްކޯ

އަދި އެތަން މިހާރު ބަލަހައްޓަމުން ދަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (އެފްއެފްސީ)ގެ އިންޖިނިއަރުންގެ ޓީމުގެ ފަރާތުން ކަމުގައި އޭނާ ވަނީ ވިދާޅުވެފައެވެ.

"މި ފެށި ހިދުމަތާއެކު 750 ރުފިޔާގެ ރޭޓުން މަސްވެރީންނަށް އައިސް ޓަނެއް ފޯރުކޮށްދެވޭނެ. މިއީ 25 މެޓްރިކް ޓަނުގެ ފްލޭކްސް އައިސް ޕްލާންޓެއް. އަދި 50 ޓަނުގެ އައިސްގެ ސްޓޮކެއް މެއިންޓެއިން ކުރެވޭނެ. މަސްވެރީންނަށް ލުއިފަސޭހަ ގޮތްތައް ކުރިއަށް އޮތް ތަނުގައި ވެސް ހޯދުމުގައި މިފްކޯ ދެމި އޮންނާނެ." މުއާޒު ވިދާޅުވިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މަޑުއްވަރީ ކައުންސިލްގެ ރައީސް ސޯދިގު ވިދާޅުވީ ދެން އެރަށުގެ އައިސް ޕްލާންޓު ބަލަހައްޓާނީ މިފްކޯއިން ކަމަށާއި، އެ މަސައްކަތް ކުރާނެ މުވައްޒަފުން ވެސް މިހާރު އެކުންފުނިން ހަމަޖައްސާފައި ވާކަމަށެވެ.

"މިހާރު އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ. މިފްކޯގެ ކޭޝިއަރަކާއި ޓެކްނީޝަނުން އެބަތިބި. އަދި މަސްވެރީންނަށް އަގުހެޔޮކޮށް އައިސް ލިބިގެންދާނެ." ސޯދިގު ވިދާޅުވިއެވެ.

މަޑުއްވަރީ އައިސް ޕްލާންޓަކީ 2021ވަނަ އަހަރުގެ މަސްވެރީންގެ ދުވަހާ ދިމާކޮށް ހުޅުވައި ޚިދުމަތް ދޭން ދެށިތަނެކެވެ.

comment ކޮމެންޓް