އެމްޑީޕީން މަޖިލިސް ރައީސް ކަމުން ނަޝީދު ވަކިކުރާނެ ކަމަކަށް ގަބޫލެއް ނުކުރަން: އިދިކޮޅު

އާސްކު ސްޕީކާ ޕްރޮގްރާމްގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

އެމްޑީޕީން ރައްޔިތުން މަޖިލީހުގެ ރައީސްކަމުން ރައީސް މުޙައްމަދު ނަޝީދު ވަކި ކުރާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންހެން ކުއްޖަކާއެކު ޒިނޭ ކުރާތަން ފެންނަ ހަތަރު ފޮޓޯ، ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ނަޝީދު ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ވިދާޅުވެފައެވެ. އޭގެ ފަހުން އެމްޑީޕީގެ ގިނަ މެމްބަރުން ދަނީ ރައީސް ނަޝީދަށް ފާޑުވިދާޅެ ނުރުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު, ހިތަދޫ ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް "ސަން"އަށް ރޭ ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ވާހަކަ، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވަރަށް ގިނަ މެމްބަރުން ދައްކަވަމުން އެބަ ގެންދަވާ ކަމަށެވެ.

"ޕީޖީ ގުރޫޕުގެ ވަރަށް ގިނަ މެމްބަރުން ވިދާޅުވަނީ މަޖިލީހުގެ ރައީސްކަން ކުރައްވަން ނަޝީދުގެ އިތުބާރެއް، ތިމަންނަމެންނަކަށް ނެތް ކަމަށް. އެހެންވީމަ އެބޭފުޅުން ބޭނުންވޭ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ވައްދަން،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މެމްބަރުން އެދިވަޑައިގަތުމުން ޕީޖީ ގުރޫޕުގެ ޖަލްސާއެއް ބާއްވައިގެން، އެ ޖަލްސާއިން ފާސްވެއްޖެ ނަމަ އެ މައްސަލަ މަޖިލީހަށް ފޮނުވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ބަހެއް ހޯދާލުމަށް ގުޅާލުމުން މެމްބަރު ޝިޔާމް މިއަދު "ސަން"އަށް ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރާނެ ކަމަށް ގަބޫލުނުރައްވާ ކަމަށެވެ.

"ބައެއް މެމްބަރުންގެ ސެންޓިމެންޓްސް އަށް ވެދާނެ ތީ. އެކަމު އެމްޑީޕީން ނަޝީދު މަޖިލިސް ރައީސް ކަމުން ވަކި ކުރައްވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އޭނާ ވިދާޅިވިއެވެ.

ޝިޔާމް ވިދާޅުވީ އެކަހަލަ ހާލަތެއް އައި ނަމަވެސް ދެންވެސް މަޖިލިސް ރައީސް ކަމަށް ހޮވާނީ އެމްޑީޕީ މެމްބަރުން ބޭނުންވާ ބޭފުޅެއް ކަމަށާއި އެކަހަލަ ބޮޑެތި ސިޔާސީ ނިންމުންތަކުގައި ޕީޕީއެމްއިން އެމްޑީޕީއަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.

މީގެ ކުރިންވެސް އެހެނިހެން ސިޔާސީ ބޮޑެތި ކަންކަމުގައި އެމްޑީޕީގެ އެހެން މެމްބަރުންނާއި ރައީސް ނަޝީދުގެ ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ.

ހަމައެހެންމެ، މިފަހަރު ރައީސް ނަޝީދު ނުރުހުން ވަނީ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާތީ ކަމަށް އެމްޑީޕީގެ މެމްބަރުން ވިދާޅުވެއެވެ.

comment ކޮމެންޓް