ޝާހިދުގެ ޓްވީޓަކާ ގުޅިގެން ތުރުކީ ސަރުކާރުގެ ވަރުގަދަ ބަޔާނެއް

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވްޝޯލޫ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އަރުމީނިއާގެ ނަސްލުގެ މީހުން ނައްތާލުމަށް ތުރުކީން ހިންގި ކަމަށް ބުނާ ގަތުލުއާންމުގެ ޒިކުރާ އާކުރާ މަގުބަރާއަކަށް ވަޑައިގެން، އދގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓަކާ ގުޅިގެން ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަރުގަދަ ބަޔާނެއް ނެރެފިއެވެ.

ތުރުކީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝާހިދު އަރުމީނިއާ އަށް ކުރެއްވި ދަތުރުފުޅު ވަނީ އެ ގަތުލުއާންމާ ގުޅިގެން އެއް ފަރާތަކުން ބުނަމުން އަންނަ ވާހަކަތައް ފާޅުކުރުމަށް ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އުންމީދު ކުރެވިފައި އޮތީ އދގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޝާހިދު މިކަމާ ގުޅިގެން މިއަށް ވުރެެ ފަރުވާތެރި އަދި ޒިންމާދާރު ގޮތަކަށް އަމަލުކުރައްވާނެ ކަމަށް' ތުރުކީގެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ 1915ވަނަ އަހަރު ހިނގައި ދިޔަ ކަންތައްތަކުގެ ހަގީގަތްތަކާމެދު އަމަލުކުރެވެން ވާނީ ހަމަހަމަ އަދި ތެދުވެރި އުސޫލަކުން ކަމަށް ތުރުކީން ގަބޫލުކުރާކަމަށް ބުނެފައެވެ.

މިއަދު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ އަރުމީނިއާގެ ގަތުލުއާންމުގައި މަރުވި މީހުންގެ މަގުބަރާއަށް ޒިޔާރާތްކުރައްވާ އެތަނުގައި މާބޮނޑިއެއް ބޭއްވެވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ތުރުކީގެ ބަޔާނާއެކު، އެ ޓްވީޓް ވަނީ ގެއްލިފައެވެ.

އަރުމީނިއާ ގަތުލުއާންމުގެ ހަނދާނީ މަގުބަރާއަށް ޒިޔާރާތްކުރެއްވުމަށް ފަހު ޝާހިދު ކުރެއްވި ޓްވީޓް

އަރުމީނިއާގެ ގަތުލުއާންމަކީ ހިނގި ކަމެއް ނޫންކަމަށް ތުރުކީގެ ހުރިހާ ސަރުކާރަކުން ވެސް މިހާތަނަށް އަންނަނީ ބުނަމުންނެވެ. އެކަން ނުހިނގާ ކަމަށް ބުނާ މީހުން ބުނަނީ ތުރުކީގައި އޭރު އޮތް އުޘްމާނީ ދައުލަތުން އަރުމީނިއާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގި ހަރަކާތަކީ ދައުލަތުގެ ސަލާމަތަށް ހުރި ނުރައްކާތަކަކާ ގުޅިގެން ހިންގި ކަމެއް ކަމަށެވެ.

އެ ހަރަކާތްތަކުގައި ޖުމްލަ 1.2 މިލިއަނެއްހާ މީހުން މަރުވި ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އެކަން ނުހިނގާ ކަމަށް ބުނާ މީހުން ބުނަނި އެއީ ތާރީޚީ ހަގީގަތްތަކާ ޚިލާފަށް އޮޅުވާލާފައިވާ އަދަދެއް ކަމަށެވެ.

comment ކޮމެންޓް