ތިން ގައުމަކަށް ސަފީރުން އައްޔަންކުރައްވައިފި

ތިން ގައުމަށް އަލަން އައްޔަންކުރި ސަފީރުން: އެ ބޭފުޅުން އައްޔަންކޮށްފައިވަނީ ބަންގްލަދޭޝް، ތުރުކީ އަދި ޕާކިސްތާނަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފިއެވެ.

ސަފީރުންގެ ގޮތުގައި ރައީސް މިއަދު ޢައްޔަންކުރެއްވި ބޭފުޅުންނަކީ، ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދާއި ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގަލޮޅު ކަނޑިތޮޅިއާގެ ލެފްޓެނަންޓް ޖެނެރަލް (ރިޓަޔާޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޕާކިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި މުޙައްމަދު ޠާހާ އެވެ.

އެ ތިން ބޭފުޅުންވެސް ސަފީރުކަމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.

ތިން ގައުމަށް އަލަން އައްޔަންކުރި ސަފީރުން: އެ ބޭފުޅުން އައްޔަންކޮށްފައިވަނީ ބަންގްލަދޭޝް، ތުރުކީ އަދި ޕާކިސްތާނަށް -- ފޮޓޯ/ ރައީސް އޮފީސް

ފޮރިން ސާވިސް ގާނޫނުގެ ދަށުން ރާއްޖެއިން ތުރުކީއާއި ޕާކިސްތާނަށް ސަފީރުން ކަނޑައެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މެއި މަހުގެ 19ވަނަ ދުވަހެވެ.

އެއަށްފަހު އެ މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހެވެ. ކޮމިޓީން ނިންމީ އެ ދެ ފަރާތަކީ ވެސް އެ މަގާމުތަކަށް އެކަށީގެންވާ ދެ ފަރާތް ކަމަށެވެ.

އެއަށްފަހު އެ ދެ ބޭފުޅުންނަށް، މަޖިލީހުގެ އާދިއްތަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ އިއްތިފާގުން ވަނީ ރުހުން ދީފައެވެ.

މިދިޔަ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސިފައިންގެ ޗީފަކަށް އައްޔަން ކުރެއްވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހެވެ.

ނަމަވެސް އަބްދުއްރަހީމް ސިފައިންގެ ޚިދުމަތާ ދުރަށް ވަޑައިގެންފައި ވަނީ 39 އަހަރުގެ ޚިދުމަތަށްފަހު، އޭނާގެ އުމުރުފުޅުން 60 އަހަރުވުމުންނެވެ.

ސައުދީ އަރަބިއާގެ ސަފީރު ކަމުން ޕާކިސްތާނުގެ ސަފީރު ކަމަށް ބަދަލުކުރި ޠާހާއަކީ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ވާދަކުރެއްވީ ހޮޅުދޫ ދާއިރާއަށެވެ.

ޝިއުނީން ސަފީރު ކަމަށް އައްޔަން ކުރަން ރުހުން ދިނީ މެއި މަހުގެ ހަޔެއްގައެވެ.

comment ކޮމެންޓް