މިސްކިތަކުން ވައްކަން ކުރަން އުޅުނު ދެ މީހަކު ފުލުހުންނާ ހަވާލުކޮށްފި

ޖަލާލުލްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުންނާ ހަވާލު ކުރަނީ ---- ފޮޓޯ: ސިޓީ ކައުންސިލް

ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި ފުލުހުންނާ ހަވާލު ކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދެ މީހަކު ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅޭ ކަން ސަމާލު ކަމަށް އައީ ސިޓީ ކައުންސިލުން އެތަނުގައި ހަރުކޮށްފައި ހުރި ކެމެރާތަކުގެ އެހީގައި ކަމަށެވެ.

"މާލޭގެ މިސްކިތްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ގާއިމްކޮށްފައިވާ ސީސީޓީވީ ނިޒާމުގެ އެހީގައި ރޭގައި ޖަލާލުއްދީން މިސްކިތުން ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައި," ޑރ. މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެ ދެ މީހުން ތިބީ ބަންދުގައި ކަމެއް އަދި އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ކަމެއް ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

މިސްކިތްތަކުން ވައްކަން ކުރުމާއި މަސްތުވުމުގެ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުން ކުރުން އާންމު ވެފައި ވަނިކޮށް ސިޓީ ކައުންސިލުން ވަނީ 24 ގަޑިއިރު މިސްކިތްތައް މޮނިޓާ ކުރާ ގޮތަށް ސީސީޓީވީ ހަރުކޮށްފައެވެ.

މާލޭގެ އެކި ސަރަޙައްދުތަކުގެ މަންޒަރުތައް ވަގުތުން ބެލޭނެ ގޮތަށް މުޅި މާލެސިޓީ ސީސީޓީވީ ކެމެރާތަކަކުން ގުޅާލުމުގެ މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލޭގެ ޖުމްލަ 39 މިސްކިތުގައި ވަނީ ސީސީޓީވީ ހަރުކޮށްފައެވެ.

comment ކޮމެންޓް