ފިލިޕީންސްއަށް އައި ބާރުގަދަ ބިންހެލުމެއްގަައި ހަތަރު މީހަކު މަރުވެއްޖެ

ފިލިޕީންސްގެ އުތުރުގައި އޮންނަ މައި ޖަޒީރާ ލޫޒޯންގެ އަބްރާ ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން ހަތަރު މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފިއެވެ.

މިއަދު ހެނދުނު 8:43 ގައި އައި އެ ބިންހެލުމުގެ ސަބަބުން 60 މީހަކު ޒަހަމްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރިކްޓާ މިންގަނޑުން ހަތް މެގްނެޓިއުޑްގެ ބާރު މިނުގައި އައި އެ ބިންހެލުމުގެ ސަބަބުން، އަބްރާ ޕްރޮވިންސާ 400 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް މެނީލާގެ އުސް ޓަވަރުތައްވެސް ގުޑާފައިވެއެވެ.

އެ ހާދިސާގައި މަރުވިި މީހުންގެ ތެރެއިން ދެ މީހަކު މަރުވީ ކޮންކްރީޓްގަނޑެއް ބޮލުގައި ޖެހުމުގެ ސަބަބުންނެވެ. އެ ބިންހެލުމުގެ ސަަބަބުން އަނިޔާވި އެންމެންނަށްވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންދެއެވެ.

ފިލިޕީންސްއަށް މިއަދު އައި ބިންހެލުމަކީ ފާއިތުވި އަހަރުތަކުގައި އެގައުމަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ފިލިޕީންސްއަށް އޮކްޓޯބަރު 2013ގައި އައި 7.1 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 200އަށް ވުރެ ގިނަ މީހުން މަރުވިއެވެ.

comment ކޮމެންޓް