އިގްތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރަށް ބަންގްލަދޭޝްއިން 4.5 ބިލިޔަން ޑޮލަރުގެ ލޯނެއް އައިއެމްއެފްއިން ހޯދަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވާޖިދު

ޑާކާ (27 ޖުލައި 2022) : އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯދުމުގެ މަސައްކަތް ބަންގްލަދޭޝްއިން ފަށައިފިއެވެ.

ބަންގްލަދޭޝްގެ މީޑިއާ ބުނާގޮތުން 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯދުމަށް އެދި އެގައުމުގެ މާލީ ވުޒާރާއިން ވަނީ އައިއެމްއެފްއަށް ރަސްމީކޮށް ހުށަހަޅާފައެވެ. ބަންގްލަދޭޝްއަކީ ކޮވިޑްގެ ސަބަބުންނާ އަދި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުބޮޑުވުމާއި ގޮވާމުގެ ބާވަތްތައް އަގުބޮޑުވުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުން އެންމެ ބޮޑަށް މަޑުޖެހިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

މި ގައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް ގެ އިތުރުން ސްރީލަންކާ، ޕާކިސްތާން، އަދި މިޔަންމާ ފަދަ އޭޝިއާގެ ގައުމުތަކާއި ޓެންޒެނިއާ، ގާނާ، ޒެންބިއާ، އިތިއޮޕިއާ، މަލާވީ، ފަދަ އެފްރިކާގެ ބައެއް ގައުމުތަކާއި ކެރީބިޔަންގެ ބައެއް ގައުމުތަކާ އަދި މެދުތެރޭ އެމެރިކާއާއި ދެކުނު އެމެރިކާގެ ގައުމުތައް ހިމެނެއެވެ.

ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިނުގަނެވި އުޅެނިކޮށް ޔުކްރެއިން ހަނގުރާމައާއެކު ކުރިމަތިވި ތެލުގެ އަގު އާދާޔާ ޚިލާފަށް މައްޗަށް ދިޔުމާއި ގޮދަންފަދަ ގޮވާމުގެ ބާވަތްތަކުގެ އަގު މައްޗަށް ދިޔުމުން ގިނަ ގައުމުތަކަކަށްވަނީ އިގްތިސާދު މަޑުޖެހި ބަޖެޓް ޑެފިސިޓް ކުރިމަތިވެފައެވެ.

އިގްތިސާދީ މި ހީނަރު ކަމުގެ ސަބަބުން ބަޖެޓް ޑެފިސިޓްދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ބަޖެޓް ދެކޮޅު ޖެއްސޭނެ އެއްވެސް އެހެން ގޮތެއް ނެތުމުން މި ހުރިހާ ގައުމުތަކުން ވެސް ވަނީ އައިއެމްއެފްގެ ލޯނަށް އެދިފައެވެ.

ބަންގްލަދޭޝްއަށް އެމެރިކާ ޑޮލަރު ލިބޭ އެންމެ ބޮޑު އެއް މަސްދަރަކީ ބޭރުގައުމުތަކުގައި މަސައްކަތްކުރާ އެގައުމުގެ ރައްޔިތުން ފޮނުވާ ޑޮލަރުގެ ޓްރާންސްފާ ތަކެވެ. ފާއިތުވި ދޮޅު އަހަރު ތެރޭގައި މިޓްރާންސްފާތައް ދަށަށްދިޔުމުންނާ އަދި ބަންގްލަދޭޝްއަށް ބޭރުން އެތެރެކުރި ތަކެތީ މިންވަރު ގިނަ ކަމުން އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވް ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައެވެ.

ބަންގްލަދޭޝްގެ މަރުކަޒީ ބޭންކް

ބޭރު ފައިސާ ލިބޭވަރަށްވުރެ ބޭރުން އެތެރެކުރުމަށް ބޭރު ފައިސާއިން (ޑޮލަރުން) ކުރަންޖެހޭ ޚަރަދުތައް ގިނަވުމުގެ ސަބަބުން ބަންގްލަދޭޝް ސަރުކާރުގެ ކަރެންޓް އެކައުންޓްގެ ޑެފިސިޓް ފާއިތުވި ދޮޅު އަހަރުތެރޭގައި 17 ބިލިޔަން ޑޮލަރަށް ދަށްވެގެން ދިޔަކަން އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ހާމަކޮށްފައެވެ.

މިހާލަތާ ގުޅިގެން ދުރާލައި ފިޔަވަޅު ނާޅައި ސްރީލަންކާ އޮތްގޮތަށް ހަގީގަތަށް އިއުތިރާފުނުވެ އަތްއުރާލައިގެން އޮވެއްޖެނަމަ ސްރީލަންކާއަށް ޖެހުނު ހާލު ކައިރި މުސްތަގްބަލެއްގައި ބަންގްލަދޭޝްއަށް ޖެހިދާނެކަމުގެ ބިރު އެގައުމުން އިހްސާސް ކުރެއެވެ.

ބަންގްލަދޭޝް އަކީ އާބާދީ ބޮޑުވެފައި ގުދުރަތީ ވަސީލަތްތައް މަދު އަދި އިންފްރާސްޓްރަކްޗަރ ބަލިކަށި، ފަގީރުންގެ ނިސްބަތް ބޮޑު ގައުމެކެވެ. މީގެއިތުރުން ގުދުރަތީ ކާރިސާތައް (ޚާއްސަކޮށް ތޫފާންތަކާއި ފެންބޮޑުވުމުގެ މައްސަލަތައް) ގެ މައްސަލަތައް ވެސް ބޮޑު ގައުމެކެވެ. މިކަންކަމުގެ ސަބަބުން ބަންގްލަދޭޝް އަކީ އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރާ ގާތަށްވެސް ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ގޮވާމުގެ ބާވަތްތައް އުފެއްދޭ ގައުމެއް ނޫނެވެ.

އަނެއްކޮޅުން ތެލާއި ގޭހަކީވެސް ބޮޑުއަގުގައި ބޭރުން އެތެރެކުރަންޖެހޭ ތަކެއްޗެވެ. މީގެއިތުރުން ގަސްކާނާއި ކެމިކަލްސް އަދި މެޝިނަރީއާއި ޓެކްނޮލޮޖީގެ ބާވަތްތަކާއި ގެދޮރުއެޅުމަށް ބޭނުންވާ ސާމާނާއި އެ ނޫންވެސް އެތައް ބާވަތެއްގެ މުދާ ގިނަ އަދަދަކަށް އެތެރެކުރަން ބަންގްލަދޭޝްއަށް ޖެހެއެވެ.

ބަންގްލަދޭޝް އިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ އާދައިގެ ތައްޔާރީ ހެދުމާއި ޖަރީކޮށްފައިވާ ހެދުންތަކާއި އެކިބާވަތުގެ ފޮއްޗާއި ފައިވާނާއި ބޫޓު، ކަރުދާސް، ލެދާ އަދި ގެރިމަހާއި ކަނޑުމަހާއި ކޯރުމަސް އަދި ބައެއް ބާވަތުގެ މޭވާއާއި ތަރުކާރީއެވެ.

ބަންގްލަދޭޝްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބޭރުގައުމުތަކުގައި މަސައްކަތްކުރާ އެގައުމުގެ ރައްޔިތުންނަށް ޑޮލަރުން ލިބޭ މުސާރަތަކުންނެވެ. ބޭރުގައުމުތަކުގައި ވަޒީފާ އަދާކުރާ ބަންގްލަދޭޝްގެ އެތައ ހާސް ބަޔަކު ފާއިތުވި ދެއަހަރު ތެރޭގައިވަނީ ވަޒީފާ ގެއްލިގެން އެނބުރި ގައުމަށް ގޮސްފައެވެ.

ބަންގްލަދޭޝްގެ މަރުކަޒީ ބޭންކުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުގައި މިހާރު ހުރީ އެންމެ 45 ބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވް އެކެވެ. މިއީ ބަންގަލަދޭޝް އަށް ބޭނުންވާ ތެލާއި ގޭސް އަދި ގޮވާމުގެ ބާވަތްތަކާއި މެޝިނަރީފަދަ ތަކެތި ބޭރުން އެތެރެ ކުރުމަށް ގާތްގަނޑަކަށް ހައެއްކަ މަހަށް ފުދޭ މިންވަރެކެވެ. ބަންގްލަދޭޝް ފަދަ އުފެއްދުންތެރިކަން ދަށް އަދި އާބާދީ ބޮޑު ގައުމަކަށް މިއީ ވަރަށް ނާޒުކު ހާލަތެކެވެ.

ބޭރު ފައިސާ ލިބޭ މިންވަރު ދަށްވަމުންދާ މިދަނޑިވަޅުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް މަތިވަމުންދާތީ ބަންގްލަދޭޝްގެ ސަރުކާރުން މިހާރުވަނީ އެ ގައުމުގައި ފަހަށް ރައްކާކޮށްފައިވާ ރިޒާވް ފައިސާގެ ބޭނުންކުރަން ފަށާފައެވެ. ލިބޭ މިންވަރަށްވުރެ ވުރެ ޚަރަދު ކުރަންޖެހޭ މިންވަރު އިތުރުވަމުންދާތީ އައިއެމްއެފްގެ ލޯނެއް ނުލިބި މިގޮތުގައި އަހަރަކަށްވުރެ ދިގުމުއްދަތަކަށް ހިފަހައްޓާނުލެވޭނެކަން ބަންގްލަދޭޝްގެ ސަރުކާރުން ދެކެއެވެ. އައިއެމްއެފް ގެ ލޯނު ދުރާލައި ހޯދަން އުޅެނީ މިސަބަބަށްޓަކައެެވެ.

comment ކޮމެންޓް