ހުއްދަ ނެތި ދީނީ ވާހަކަ ދައްކާތީ، ނަޝީދަށް ފިޔަވަޅު އަޅަން ޖެހޭ: ޑރ. އިޔާޒު

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނީ ކަންކަމުގައި ބަސްބުނުމުގެ ހުއްދަ ނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޢަމަލުކުރައްވާފައިވާ ކަމަށާއި އެ މަނިކުފާނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް، ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިކަމަށް ގޮވައިލެއްވީ، ޔޯގާ މައްސަލައިގައި ރައްޔިތުންގެ ތެރޭގައި ޚިޔާލު ތަފާތުވުން، އުފެދިފައިވާ ތަންވަޅެއްގައި ޔޯގާ، ދިފާއު ކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓަކާ ގުޅުވައިގެންނެވެ.

ނަޝީދު ވިދާޅުވެފައިވަނީ ޔޯގާއަކީ ޝިރުކެއް ކަމަށް ބުނާ، ދަންނަ ބޭކަލުންގެ ޢިޖުމާއުއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމް ދީނުގެ ޙުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޑރ. އިޔާޒު، "ސަން"އަށް ވިދާޅުވީ އާއްމު ތަންތަނުގައި ދީނީ ވާހަކަ ދެއްކޭނީ އިސްލާމިކް އެފެއާޒުން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ. އެހެންކަމުން އެ ހުއްދަ ނެތް މީހަކު، ދީނީ ވާހަކަ ދައްކައިފި ނަމަ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފު ވެވުނީ ކަމަށެވެ.

"ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ޚިލާފު ވެއްޖެ ނަމަ އެމީހަކަށް އެބަ ހުރޭ އަދަބުތަކެއް ކަނޑައެޅިފައި. އެހެން ވީމަ ރައީސް ނަޝީދެއް ކަމަކު ދީނީ ވާހަކައެއް ދައްކަވަން ވާނީ އެ ހުއްދަ އޮވެގެން. އެ ހުއްދަ ނެތި ވާހަކަ ދައްކައިފި ނަމަ އެއީ ގާނޫނީ ކުށެއް. އެހެންވީމަ އެ ކުށުގެ އަދަބު އެމަނިކުފާނަށް ލިބުމަށް އަޅުގަނޑު އެދެން،" ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކު ނަމަވެސް އޭނާއަށް ގާނޫނަށްވުރެ، މައްޗަށް ނުދެވޭނެ ކަމަށާއި އަބަދުވެސް ހުންނަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ. އަދި ވިދާޅުވީ ޤާނޫނުގެ ބޭރުން ކަމެއް ކޮށްފި ނަމަ އެމީހަކަށް ލިބެންޖެހޭ ހައްގު އަދަބު ދޭންޖެހޭ ކަމަށެވެ.

"ކަން އޮންނަ ގޮތް ބަޔަކު ކިޔައިދިނީމަ އަނެއްކާ ވެސް މީސްތަކުންގެ ހިތުގައި ޝައްކު އުފެދޭ ގޮތްގޮތަށް ވާހަކަ ދެއްކީމަ ހަގީގަތުގައި އެއީ ދީނީ އެއްބައިވަންތަކަން ބަލިކަށި ކޮށްލަން މަސައްކަތް ކުރުން،" ޑރ. އިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް